ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކަށް ފާޅުގައި ހުރަސް އެޅުން ކަމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިހެން ބުނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްގެންދިޔަ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި އެމްޑީޕީއާއި ޑިމޮކްޜެޓުން ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ނެވެ. އެމްޑީޕީ އަދި ޑިމޮކްރެޓުން ވަނީ ސަރުކާރުގެ ބައެއް ވުޒާރާތަަކަށް ޢައްޔަންކުރައްވާފައިވާ ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށާ ބުނެފައެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސްބަޔާނުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ޤާނޫނީ ގޮތުން ރައްޔިތުން އިންތިޚާބު ކުރައްވާފައި ހުންނަވާ ބޭފުޅަކު، އެމަނިކުފާނުގެ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ހިންގެވުމަށް ބޭނުންވާ ވުޒާރާތަކާއި، އިދާރަތައް އުފެއްދެވުމާއި، އެ ވުޒާރަތަކާއި، އިދާރަތައް ހިންގެވެމުމަށް ޤާބިލު ބޭފުޅުން އައްޔަން ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށް ބުނެފައެވެ.



"އެގޮތުން ދައުލަތުގެ ވުޒާރަތައް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވާފައިވާ ވަޒީރުންނަކީ ކަމަށް ޤާބިލު އެވުޒާރާތައް ހިންގެވުމުގެ ތަޖުރިބާ ހުންނެވި، އަދި އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުންކަމާމެދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝާނުން ޝައްކެއް ނުކުރަމެވެ." ޕީޕީއެމް ޕީއެންސީގެ ބަޔާނުގައިވެއެވެ.

އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރައްވުމުގައި ކުރާންޖެހޭ ހުރިހާ މަސައްކަތެއް ވަޒީރުން ކުރައްވާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބަޔާންކޮށްފައި ވެއެވެ.

"އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ވުޒާރާތަކަށް ޢައްޔަންކުރައްވާފައިވާ ވަޒީރުންނަށް އެބޭފުޅުންގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ފުރުޞަތު ދިނުމަކީ ސިޔާސީ ޕާޓީތަކުން ކުރާންޖެހޭ ކަމެއްކަމަށް މިކޯލިޝަނަށް ޤަބޫލު ކުރެވޭތީ، އެމަނިކުފާނުގެ ކެބިނެޓަށް ޢައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމުގައި މިކޯލިޝަނުން ޤަބޫލު ކުރަމެވެ. އަދި ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުޞަތު ދީ ވަޒަން ކުރުމެއް ނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުންކަމާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމުގައި ދެކެމެވެ." ޕީޕީއެމް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ދިރާސާކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ލަފާ ދީފައިވަނީ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް އެއްފަހަރާ ވޯޓަށް އެހުމުގެ ބަދަލުގައި ވަކިވަކިން ވަޒީރުންނަށް ވޯޓަށް އެހުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން