މަޖިލީހުގެ ޖަލްސާގެ ތެރެއިން
މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ދެން ފަށާނީ މިރޭ 08:00ގައި ކަމަށް މަޖިލީހުގެ އިދާރާއިން މެމްބަރުންނަށް އަންގައިފިއެވެ.

ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށްގެންދެވޭނެ މާހައުލެއް ނެތުމުން، ޖަލްސާ މިހާރުވަނީ މެދުކަނޑާލާފާއެވެ. އަދި މިރޭ 8:00 ގައި ޖަލްސާ އަލުން ފަށާނެކަން މެންބަރުންނަށް މިހާރުވަނީ އަންގާފައެވެ.

މިއަދުގެ ޖަލްސާގެ ނިޒާމް ގެއްލުނީ ރައީސް މުޢިއްޒުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީ އާއި ޑިމޮކްރެޓުން ނިންމުމާގުޅިގެން ވެރިކަންކުރާ ކޮންގްރެސް ޕާޓީން މަޖިލީހުގެ ޖަލްސާއަށް ހުރަސް އެޅުމާ ގުޅިގެންނެވެ.

އެގޮތުން މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކުގައި ބައެއް މެންބަރުންނަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދިޔަ މަންޒަރުވެސް ވަނީ ފެނިފައެވެ.

ކޮންގްރެސްގެ މެންބަރުން މަޖިލީހުގެ ތަޅުން ހިސޯރުކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މެންދުރު 1:30 ގައި ވޯޓަށް އެހުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ރުހުން ނުދިނުމަށް ނިންމާފައިވާ ހަތަރު ވަޒީރުންނަކީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމަށެވެ.

އެމްޑީޕީން މިގޮތަށް ނިންމާފައިވާއިރު ޑިމޮކްރެޓުންވެސް ވަނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި، ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދިނުމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން