މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީން ނިންމުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި މިއަދު ސަރުކާރުގެ ސަޕޯޓަރުން ހިންގި ކަންކަން ހުއްޓުވުމުގައި ދިފާއީ ބާރުތަކުގެ އިހުމާލެއް އޮތްތޯ ބެލުމަށް މަޖިލީހުގެ ސަލާމަތީ ކަންތައްތަކާބެހޭ ކޮމެޓީއަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ، ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އެޑްރެސްކޮށް އެ ޕާޓީން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، ގާނޫނު އަސާސީގެ 105 ވަނަ މާއްދާގައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގެއާއި އެ ގޭގެ ގޯތިތެރެއާއި، ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިނގާ އެންމެހާ ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަންވާނީ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.



ނަމަވެސް، މިއަދު ރައްޔިތުންގެ މަޖިލީހުގެ ގެ ކައިރީ މުޒާހަރާ ކުރަމުންދިޔަ މުޒާހަރާގެ ބައިވެރިން، މަޖިލީހުގެ ގޭގެ ވަށާފާރު މައްޗަށް އަރައި ގޯތިތެރެއަށް އެކި އެއްޗެހި އުކާފައިވާއިރު، އެމްއެންޑީއެފް އަދި ދިވެހި ފުލުހުންގެ ހިދުމަތުން، އެ ފަރާތަށް ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކޮށްފައިވޭތޯ ބެލުމަށް ބޭނުންވާ ކަމަށް ޑިމޮކްރެޓްސްގެ ސިޓީގައިވަނީ އެދިފައެވެ.

އަދި އެ މައްސަލަ ސަލާމަތީ ކަންތައްތަކާބެހޭ ކޮމެޓީން ބަލައިދިނުމަށް ވަނީ އެދިފައެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި މަޖިލީހުގެ ބޭރުގައި ހަމަނުޖެހުންތަކެއް ހިނގިއިރު މަޖިލީހުގެ ތެރޭގައި މެންބަރުންގެ މެދުގައި ވެސް ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާ މާރާމާރީ ވެސް ހިންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން