މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން ނިންމި މައްސަލާގައި މަޖިލިސްތެރޭ މިއަދު ހިނގި ހަމަނުޖެހުންތަކުގައި އަނިޔާވެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކަނޑިތީމު ދާއިރާގެ ޕީއެންސީގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލް ހަކީމް ހޮސްޕިޓަލުން ދޫކޮށްނުލަނީސް މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދަން ފުރުސަތު ނުދޭނެކަމަށް މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

މިއަދު ބާއްވަން އުޅުނު ޖަލްސާ ކުރިއަށް ނުގެންދެވުމުން މިރޭ ވެސް ވަނީ ޖަލްސާ ބޭއްވޭތޯ ބަލާފައެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރާ މެންބަރުން ދަނީ ޖަލްސާ ކުރިއަށް ގެންދިޔުމަށް ހުރަސް އަޅަމުންނެވެ.

އެއާއި ގުޅިގެން މެންބަރު މޫސާ ސިރާޖު ދެންމެ ކުރެއްވި އެކްސްއެއްގައި ވިދާޅުވީ، މިއަދު މަޖިލީހުގައި މެންބަރު ޝަހީމާއި މާރާމާރީ ހިންގާ އަނިޔާކުރުމުގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މެންބަރު ހޮސްޕިޓަލުން ދޫކުރުމުގެ ކުރިން މަޖިލިސް ކުރިއަށް ގެންދަން ޖާގަ ނުދެވޭނެ ކަމަށް މޫސާ ސިރާޖުވަނީ ވިދާޅުވެފައެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން ނިންމުމުން ސަރުކާރަށް ތާއީދުކުރާ މެންބަރުން މިއަދުވަނީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔަ ނުދީ އިހުތިޖާޖު ކޮށްފައެވެ. އަދި އެކަން ހަމަނުޖެހުމަކަށް ބަދަލުވެ ބައެއް މެންބަރުންނަށް ވަނީ ޖިސްމާނީ އެކި އަނިޔާތައް ވެފައެވެ.

އެގޮތުން، މެންބަރު އަޙްމަދު އީސާއާއި މެންބަރު ޝަހީމްއާއި ދެމެދު ހަމަނުޖެހުން ހިނގާ ދެ ބޭފުޅުން ތަޅުންމައްޗަށް ވެއްޓިފައިވާ ވީޑިއޯއެއް މިއަދުވަނީ އާންމުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަނުޖެހުމުގައި ޝަހީމްގެ ބޮލަށްވަނީ އަނިޔާތަކެއް ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން