އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް ބަދަލެއް ގެނެވިއްޖެނަމަ އިންތިޚާބު ތާރީޚު ބަދަލުކުރަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރު ކަމަށް އެކޮމިޝަންގެ ނައިބު ރަޢީސް އިސްމާޢީލް ހަބީބު ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ހަބީބް ވިދާޅުވީ އިންތިހާބުތަކާ ބެހޭ ޢާންމު ގާނޫނަށް ގެނެވޭ ބަދަލަކުން، އިންތިހާބުގެ ތާރީޚަށް ބަދަލެއް ގެނައުމަށް ލާޒިމް ވެއްޖެ ހިނދެއްގައި، އެކަން އެގޮތަށް ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.



20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހުންނަށް، އިލެކްޝަންސް ކޮމިޝަނުން، މިއަދު އެ ފުރުސަތު ހުޅުވާލައި، އެކަން ޢާންމުކޮށް ވަނީ އިޢުލާން ކޮށްފައެވެ. އެގޮތުން މިއަދުން ފެށިގެން ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހާ ހަމަޔަށް، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އީސީން ވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ކޮމިޝަނުން ކަނޑައަޅާފައިވަނީ 2024 މާރިޗް 17 ވާ އާދީއްތަ ދުވަހުއެވެ. މި ތާރީޚަކީ ރަމަޝާން މަހުގެ ދުވަަހަކަށްވުމުން ބައެއް ސިޔާސީ ޕާޓީތަކުން ވެސް ވަނީ މި ތާރީޚު ބަދަލުކުރުމަށް އީސީގައި އެދިފައެވެ.

މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު މިއަހަރުގެ މެއި 28 ގައި ހަމަވާނެއެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި މަޖިލީހުގެ ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިޚާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހޭނެއެވެ. އެ ސަބަބާއި ގުޅުވައި އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބު ރޯދަ މަހުގެ ފަހަށް ބަދަލު ކުރަންވެއްޖެނަމަ ޤާނޫނަށް ބަދަލު ގެންނަން ޖެހޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން