ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކައުންސެލް ޖެނެރަލަކީ އެކި ފަހަރު އެކި ގޮތަށް ގާނޫނީ ލަފާ ދެއްވާ ބޭފުޅެއްކަމަށް ވިދާޅުވެ، ކައުންސެލް ޖެނެރަލް ފާޠިމަތު ފިލްޒާއަށް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭ ވަޒީރުން އަލުން މަގާމަށް އައްޔަނުކޮށް، އެ ބޭފުޅުންގެ ނަންތައް މަޖިލީހަށް އަލުން ނުފޮނުވޭނެ ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވާފައިވާ ކަމަށް މައި އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން މިއަދު ވަނީ ވިދާޅުވެފައެވެ.

ފިލްޒާގެ ލަފައާއި ގުޅޭގޮތުން އެމްޑީޕީން މިހެން ބުނެފައިވަނިކޮށް، މެންބަރު ސިރާޖު މިއަދު ވިދާޅުވީ، މިވަގުތު މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ މަގާމުގައި ހުންނެވި ފިލްޒާއަކީ އެވަގުތެއްގައި މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ކޮންމެ ބޭފުޅަކު އެދޭގޮތަށް ގާނޫނީ ލަފާ ނެރެދެއްވާ ބޭފުޅެއް ކަމަށެވެ.

"އެމްޑީޕީން އެންމެފަހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވެސް ފިލްޒާ ދީފައިވާ ލަފައަކީ ގާނޫނު އަސާސީއާއި މަޖިލިސް ގަވާއިދާ ހިލާފު ލަފައެއްކަމުގައި ފާހަގަކޮށްފައިވޭ." އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިރާޖު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީން ހުށަހެޅުމުން، ނާއިބު ރައީސްގެ މަގާމުގައި އޭރު ހުންނެވި އީވާ ޢަބްދުﷲ ގެންދެވީ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ދެކޮޅު ހައްދަވަމުންނެވެ. އަދި އެކަމަށް ބާރުލިބޭގޮތަށް ސުޕްރީމް ކޯޓުގައި މަޖިލީހުގެ އިދާރާގެ ފަރާތުންވަނީ ވާހަކަ ދައްކާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން