އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ޖިނާޢީ ދެ ދަޢުވާ އެއް އުފުލައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޖިނާއީ ދެ ދަޢުވާއެއް، އެޖަމްޢިއްޔާގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލާފައިވާ ކަމަށެވެ.

ބައްސާމްގެ މައްޗަށް ކޮށްފައިވަނީ ޚިޔާނާތްތެރިވުމުގެ ދަޢުވާ އަކާއި، މަނީ ލޯންޑަރިންގެ ދަޢުވާއެކެވެ.

ޕީޖީ އޮފީހުން ބުނީ، މިމައްސަލައަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މައްދާގެ (ޅ) އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމުރަކަށް ފުލުހުން ތަޙްޤީޤުކުރަމުންދާ މައްސަލައެއް ކަމަށެވެ.

ބައްސާމްގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ދަޢުވާ އުފުލާފައިވަނީ، 2016 ވަނަ އަހަރުން ފެށިގެން އެފް.އޭ.އެމްގެ ކަންކަމަށް ބޭނުންކުރުމަށްޓަކައި، ފީފާގެ ފަރާތުން ދެމުން ގެންދިޔަ ފައިސާގެ ތެރެއިން، 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ދިހަހާސް ޑޮލަރު ބައްސާމުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމަށްޓަކައި، ބޭންކަށް ހުށަހެޅި ލިޔުންތަކުގައި ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއްކަމަށް ލިޔެފައިވީ ނަމަވެސް އެ ޢަދަދަށްވާ ދިވެހި ފައިސާ، އެއްވެސްއިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނޯންނާތީއާއި، އެފައިސާ އެފް.އޭ.އެމްއަށް ޖަމާކޮށްފައިވާކަންވެސް އެނގެން ނޯންނާތީއާއި، އެފައިސާ ބައްސާމްގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާތީއެވެ.

މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދަޢުވާ އުފުލާފައިވަނީ، ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި އެފްއޭއެމަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން ދިހަހާސް އެމެރިކާ ޑޮލަރު ބައްސާމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ ތެރެއިން އެއްހާސް ނުވަސަތޭކަ ދިހަ އެމެރިކާ ޑޮލަރު 2 ސެޕްޓެންބަރު 2018 ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، ބައްސާމްގެ ޙިއްސާ އޮންނަ ގްލޭސިއަރ އިންވެޓްމަންޓްސް ޕވޓ ލޓޑގެ ކަންކަމަށް ބޭނުންކޮށްފައިވާތީއާއި، އެ ފައިސާގެ ތެރެއިން ދެހާސް އެމެރިކާ ޑޮލަރު 5 ސެޕްޓެންބަރު 2018 ދުވަހު ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ކ. މާލެ، ރެހެންދި 6-302 ފްލެޓަށް ކުލި ދެއްކުމުގެ ގޮތުން ބޭނުންކޮށްފައިވާތީއާއި، އެފް.އޭ.އެމުން ބައްސާމްގެ އެކައުންޓަށް ޖަމާކުރި ފައިސާ، އެކި ޢަދަދުތަކުން އެކި މީހުންނަށް ފޮނުވައި، އެފް.އޭ.އެމް.އާ ގުޅުމެއް ނެތް ކަންކަމަށް އެފައިސާ ހަރަދުކޮށް، އެ ފައިސާ ބައްސާމްގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާތީއެވެ.

އެގޮތުން މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ލޯންޑަރކުރުމަށް ބޭނުންކޮށްފައިވާ 10،000.00 (ދިހަހާސް އެމެރިކާ ޑޮލަރު) ދައުލަތަށް ނަގައިދިނުމަށްވެސް އެދަޢުވާގައި އެދިފައިވެއެވެ.

މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން؛ ނުވަތަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ޕީޖީ އޮފީހުން ބުނީ، މިމައްސަލައިގެ ތަޙްޤީޤު އަދިވެސް ކުރިއަށްދާތީ، އިތުރު ބައިތަކުގެ ތަޙްޤީޤު ނިމެމުންދާ ވަރަކަށް އެބައިތަކާ ގުޅިގެން ދަޢުވާ ކުރަންޖެހޭ މީހުންގެ މައްޗަށް ދައުވާ ކޯޓަށް ހުށަހަޅަމުންދާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން