ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ބޮއިކޮޓްކުރަން އިދިކޮޅު އެމްޑީޕީން ނިންމުމުން ދަ ޑިމޮކްރެޓުންވެސް ޖަލްސާ ބޮއިކޮޓްކުރަން ނިންމައިފިއެވެ.

މިގޮތަށް ނިންމިކަން ހާމަކޮށްފައިވާނީ މިރޭ އެ ޕާޓީން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ރައީސް ރިޔާސީބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވެވުމަށް ބާއްވަވާ ޖަލްސާއަށް، ރައްޔިތުން މަޖިލީހުގެ ރުހުން ލިބިފައިނުވާ ތިން ބޭފުޅަކަށް ވަޒީރުންގެ ހައިސިއްޔަތުން ދައުވަތު ދެއްވާފައިވާކަން އެ ޕާޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެފަދަ ތިން ބޭފުޅުންނަށް ވަޒީރުންގެ ހައިސިއްޔަތުން މަޖިލީހުގެ އެ ޖަލްސާއަށް ދައުވަތު ދެއްވުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ބާރާއި ހުރުމަތަށް ގޮންޖެހުމުގެ އަމަލެއްކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ދެކޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ސަރުކާރުގެ ޣައިރު ގާނޫނީ މި ފަދަ އަމަލުތަކަށް ހިތްވަރާއި ބާރުލިބިދެވޭގޮތަށް ހިންގޭ ކަންކަމުގައި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އެއްބާރުލުން ނުދޭނެ ކަމަށާއި އެހެންކަމުން އެ ޖަލްސާއަށް ޑިމޮކްރެޓްސްގެ މެންބަރުން ނުދާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމްޑީޕީން އެގޮތަށް ނިންމީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ސަރުކާރުން އަމަލުކޮށްފައިވާގޮތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން