ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން
ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން
ރާއްޖެއަށް ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެންނަން މި ސަރުކާރުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައެޅުއްވި ކުއްލި މައްސަލައެއްގައި ޙިސާން ވިދާޅުވީ، ވަޒީފާއާ ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް މަސައްކަތުމީހުންގެ ގޮތުގައި އެއް ގައުމަކުން އެންމެ ގިނަވެގެން ގެނެވޭނީ އެއް ލައްކަ މީހުން ކަމަށެވެ. އެހެން ނަމަވެސް މިހާރުވެސް 139،220 ބަންގްލަދޭޝް މީހުން މަސައްކަތްކުރުމުގެ ހުއްދަ ލިބިގެން ރާއްޖޭގައި ތިބިކަމަށް ތަފާސްހިސާބުން ދައްކާ ކަމަށް ޙިސާން ވިދާޅުވިއެވެ.

އެހެންކަމުން ބަންގްލަދޭޝް މީހުން ފިޔަވައި އެހެން ގައުމުތަކުން އަންސްކިލްޑް ލޭބަރުން ގެނައުން މަޑުޖައްސާލަން ސަރުކާރުން ހަމަޖެއްސިކަމަށް ހޯމް މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެންގީ ގަވައިދާ ހިލާފަށް ކަމަށް ޙިސާން ވަނީ ވިދާޅުވެފައެވެ.

ޙިސާން މިއަދު ވިދާޅުވީ، ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ބިދޭސީން ވަޒީފާ އަދާކުރުމަށް ރާއްޖެއަށް ގެނައުމަށް ކޯޓާ ދޫކުރުމާއި، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ހުއްދަ ދިނުމުގެ އިހްތިޔާރު ލިބިގެން ވަނީ ހޯމް މިނިސްޓްރީ އަށް ކަމަށާއި، ވަޒީފާއާ ބެހޭ ގާނޫނު ތަންފީޒުކޮށް ގަވައިދު ހަދައި ހިންގުމަކީ ލޭބާ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށެވެ.

އެކަންކަމަށް ރިޢާޔަތްކޮށް ޙިސާން ވިދާޅުވީ، ވަޒީފާއާ ބެހޭ ކަންތައްތައް އެވަގުތެއްގައި ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރަށް ގާނޫނުން ދީފައިވާ ބާރުގެ ބައެއް، އެހެން މިނިސްޓްރީއަކަށް ހަވާލު ނުކުރެވޭނެ ކަމަށެވެ. އަދި ޤާނޫނާ ޚިލާފަށް ވަޒީރުންނަށް ޢަމަލު ނުކުރެވޭނެ ކަމަށްވެސް ޙިސާން ވިދާޅުވިއެވެ.

މި ކުއްލި މައްސަލައަށް ބަހުސްކުރަން ފާސްވީ ވޯޓުގައި ބައިވެރިވި 29 މެންބަރުންގެ ތެރެއިން 23 މެންބަރުންގެ ވޯޓާ އެކުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން