އައިއެސްގެ ރާއްޖޭގެ ލީޑަރ އަމީން
އައިއެސްގެ ރާއްޖޭގެ ލީޑަރ އަމީން
ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ޙަރަކާތްތައް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާކަމަށް ދައުލަތުން ތުހުމަތުކުރާ ޏ. ފުވައްމުލަކު، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ޓެރަރިޒަމްގެ ކުށުގައި 27 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އަމީންގެ މައްޗަށް އުފުލި ދައުވާގައި ދައުލަތުން ބުނެފައިވަނީ އަމީނަކީ އިސްލާމިކް ސްޓޭޓްގެ ދިވެހިރާއްޖޭގައި ހުންނަ ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވެ، ދީނީ ވަކި ފިކުރެއް ކުރިއަރުވަން މަސައްކަތްކުރާ މީހެއް ކަމަށެވެ. އަދި ބޭރުގެ ހަނގުރާމަތަކަށް މީހުން ފޮނުވުމަށް ރެކްރޫޓްކުރާ ކަމަށްވެސް ދަޢުލަތުން ތުހުމަތުކޮށްފައިވެއެވެ.

ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އަމީންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅި ކްރިމިނަލް ކޯޓުގެ ދެ ގަޟިއްޔާ ހައި ކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. އަމީން 27 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 8 ގައެވެ. ނަމަވެސް، ބަންދުގައި ހުރި މުއްދަތު އުނިކުރުމަށް ފަހު، އޭނާ ބަންދުގައި ތަންފީޒު ކުރަން ޖެހޭނީ 23 އަހަރާއި، 11 މަހާއި 9 ދުވަހެވެ.

ރާއްޖޭގައި އުޅޭ އައިއެސްގެ އެންމެ އިސް މީހަކީ އަމީންކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވާއިރު އޭނާއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު މީހެކެވެ. އަދި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފަ އެވެ. އޭނާ އަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.

އަމީންގެ މައްސަލާގައި އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް މީގެކުރިން ހައިކޯޓުން ބާތިލްކުރުމުން ސުޕްރީމް ކޯޓުން ވަނީ އެނިންމުން ބާތިލުކޮށް ކްރިމިނަލް ކޯޓުގައި އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް އަންގާފައެވެ. އެގޮތުން ގާނޫނުގެ މާއްދާތައް މާނަކުރަންވާނީ އެއް ރޮއްޖަކުން ގެތިފައިވާ އެކަތިގަނޑެއްގެ ގޮތަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.

އޭގެއިތުރުން އަމީންގެ މައްސަލާގައި ހައިކޯޓުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްފައިވަނީ ވަކި މިނިވަން މާއްދާއެއްގެ ގޮތަށް، މުޅި ޓެރަރިޒަމްގެ ގާނޫނުގެ މަގުސަދާ ވެސް ފުށުއަރާ ގޮތަށް ކަމަށް ސުޕްރީމްކޯޓުން ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން