މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ގުނާ ގޮތަށް މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަށް އަމަލުކުރަން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އެންގެވުމާ ގުޅިގެން، އެކަމުގައި މަޖިލީހުގެ މެންބަރުން ގޮތެއް ކަނޑައަޅައިދިނުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައީ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް 87 މެންބަރުން އިންތިޚާބުކުރި ނަމަވެސް މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެހެންކަމުން މަޖިލީހުން ކަމެއް ފާސްކުރުމުގައި ޖުމްލަ މެންބަރުންގެ ޢަދަދު ކަމަށް ބަލާނީ އެވަގުތަކު މަޖިލީހުގައި ދެމިތިއްބަވާ މެންބަރުންކަމަށް ކަނޑައެޅުމަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މިއިސްލާހު ފާސްވުމުން ރައީސުލްޖުމްހޫރިއްޔާ ޢަޒުލު ކުރުމަށް ބޭނުންވާ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓު ހަމަކުރުމަށް ބޭނުންވަނީ 54 ވޯޓެވެ.

އެހެން ނަމަވެސް ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން ވަނީ އަމަރު ނެރެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ އެ މައްސަލަ ބެއްލެވުމެއް ނެތި އަދި އެއިސްލާޙު ގާނޫނު އަސާސީއާ ހިލާފުތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެއް ނެތި ކޯޓު އަމުރެއް ނެރުމުން ކަންބޮޑުވާ ކަމަށެވެ.

"އެހެން ކަމުން މި މައްސަލަގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅައި ދިނުމަށް އިއްޒަތްތެރި މެމްބަރުންނަށް ފުރުސަތު ހުޅުވާލަން." އަސްލަމް ވިދާޅުވި އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ކޯޓުގެ އަމުރަށް އިހުތިރާމް އަދާކުރުމުގެ ގޮތުން މި ވަގުތު މަޖިލީހުން ގޮތެއް ކަނޑަނާޅާހާ ހިނދަކު ބަލާނީ މަޖިލީހުގެ މެމްބަރުންގެ އަދަަދަކީ 87 ކަމަށެވެ. އަސްލަމް ވިދާޅުވީ އެކަމުގައި ގޮތެއް ކަނޑައަޅަން މަޖިިލީހަށް ހުޅުވާލީ އެއީ މުޅި މަޖިލީހުގެ އިމްތިޔާޒްތަކާއި މަޖިލީހުގެ މަސައްކަތްތަކާއި ގުޅިފައިވާ ކަމަކަށްވާތީ ކަމަށެވެ.

"މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދާނީ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން. ގާނޫނު އަސާސީ ބަޔާން ކުރާ ގާނޫނު އަސާސީގެ ތަރަހައިގެ ތެރޭގައި މަޖިލީހުން ކުރާ ކޮންމެ މަސައްކަތަކީ އެއީ މަޖިލީހުގެ އިމްތިޔާޒްތަކާއި އަދި މަޖިލީހުގެ ބާރުތަކުން އަދި މަޖިލީހާއި މަތިކުރެވިފައިވާ ބާރެއް. އެއްވެސް އެެހެން ފަރާތަކުން މަޖިލީހުން މިވެނި ކަމެއް ކުރަން ޖެހޭނެޔޭ މިވެނި ގޮތަކަށް އެކަން މަޑުކޮށްލަން އެހެން ބުނާ ބުނުން ބަލައިގަތުމަކީ ދަތިކަމެއް. އެހެންނަމަވެސް އަޅުގަނޑު ރާއްޖޭގެ ސުޕްރީމް ކޯޓަށް އިހުތިރާމް ކުރުމުގެ ގޮތުން މިވަނީ 87 މެމްބަރުންނޭ މަޖިލީހުގެ ޖުމްލަ އަދަދު ކަމުގައި ބަލައިގަނެފައި." އަސްލަމް ވިދާޅުވި އެވެ.

އަސްލަމް މިމޭރުމުން ވިދާޅުވުމުން މަޖިލީހުގެ މެންބަރުން ވަނީ އެކަމާ ދެކޮޅު ހައްދަވައި މެންބަރުންގެ ނިންމެވުމެއް ރިޔާސަތަށް ބަދަލު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން