މަޖިލީހުން ރުހުން ނުދެއްވި 3 ވަޒީރުން
މަޖިލީހުން ރުހުން ނުދެއްވި 3 ވަޒީރުން
ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުނު ތިން ވަޒީރުންނަށް އަލުން ރުހުން ހޯދަން ރައީސް ފޮނުއްވި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ނުކުރުމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ނިންމަވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުން ރުހުންނުދޭން ފާސްކުރި ތިން ވަޒީރުން އަލުން އެމަގާމުތަކަށް އައްޔަންކުރި މައްސަލައިގައި މަޖިލީހުން އަމަލުކުރާނެ ގޮތެއް ކަނޑައެޅެންދެން އެ ބޭފުޅުންނަށް ރުހުންދިނުމުގެ މައްސަލަ އެޖެންޑާ ނުކުރާނެ ކަމަށެވެ.

މިދިޔަ ޖެނުއަރީ 29، ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ އަޣުލަބިއްޔަތު ރުހުން ނުލިބުނު ތިން ވަޒީރުންނަކީ ބަންޑާރަނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުނު 3 ވަޒީރުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަ އެދުވަހު ހަވީރުގެ ވަގުތެއްގައި އަލުން މަގާމަށް އައްޔަންކުރައްވައިފަ އެވެ.

ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައިގެ ބަދަލުގައި މިއަދަށް އެޖެންޑާކޮށްފައިވަނީ ރުހުން ނުލިބުނު ތިން ވަޒީރުން އަލުން މަޤާމަށް އައްޔަންކުރުމާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ހުށަހަޅުއްވާފައިވާ ގަރާރެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ދަށުން ކެބިނެޓް ވަޒީރުންނަކީ މަޖިލީހުގެ ރުހުން ލިބިފައިވާ ބަޔަކަށް ވާން ޖެހުނު ނަމަވެސް، ރުހުން ނުލިބޭ ހާލަތެއްގައި ދެން ވާނެ ގޮތެއް ބަޔާންކޮށްފައި ނުވެއެވެ. އަދި އެބޭފުޅުން އަލުން މަގާމަށް އައްޔަނު ނުކުރެވޭނެ ކަމަށްވެސް ކަނޑައަޅާފައެއް ނުވެއެވެ.

ދައުރުން ބޭރުން މިދިޔަ ޖެނުއަރީ މަހުގެ 29 ގައި ބޭއްވި ޖަލްސާގައި ރުހުން ދީފައި ވަނީ ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ 22 މިނިސްޓަރުންގެ ތެރެއިން 19 ބޭފުޅަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން