ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުން 24 ބިލެއް ހުށަހަޅަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ވާގޮތުން މަޖިލީހުގެ ކޮންމެ ދައުރެއް ފެށުމާއެކު ސަރުކާރުގެ ފަރާތުން އެ ދައުރަކަށް ހުށަހަޅަން ހުރި ބިލުތަކުގެ ލިސްޓެއް މަޖިލީހަށް ފޮނުވަން ޖެހެއެވެ.

އެހެންކަމުން 24 ބިލެއް މި ދައުރުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވަން ނިންމާފައިވާކަން ސަރުކާރުން އިއްޔެ މަޖިލީހަށް އަންގަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

ސަރުކާރުން މި ދައުރުގައި ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރޭގައި ބިމާ ބެލޭ ބިލާއި، ބޯހިޔާވަހިކަމުގެ ބިލާއި، ރިއަލް އެސްޓޭޓުގެ ވިޔަފާރީގެ ބިލާއި، އާބަން ޕްލޭނިން އަދި އާބަން ޑިވޮލޮޕްމަންޓްގެ ބިލު ހިމެނެއެވެ. ހަމައެއާއެކު ނަފްސާނީ ސިއްހަތުގެ ބިލާއި، ކޮޕީ ރައިޓާ ގުޅޭ ބިލާއި، ސޮވަރިން ޑިވޮލޮޕްމަންޓް ފަންޑުގެ ބިލުވެސް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފޮރިން އިންވެސްޓްމަންޓްގެ ބިލާއި، ޑިޕްލޮމެޓިކް އިމްތިޔާޒްގެ ބިލާއި، ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް މަޖިލީހަށް ފޮނުއްވި ލިސްޓުގައިވެއެވެ.

އަދި ހަމައެހެންމެ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ރައީސްކަން ކޮށްފައިވާ މީހަކަށް ރައްކާތެރިކަމާއި އިނާޔަތްތަކަށް ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މީޑިއާ ކޮމިޝަންގެ ބިލުވެސް މަޖިލީހަށް ހުށައަޅާނެއެވެ.

މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ، ސަރުކާރުން ހުށައަޅާ 24 ބިލްގެ ތަފްސީލް މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން