ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ސުންގަޑި ހަމަވުމަށްފަހު އިތުރު ފުރުސަތެއް ދޭން ހަމަޖެހިފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

20 ވަނަ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ފޯމް ބަލައިގަތުމުގެ އެންމެ ފަހު ވަގުތެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މާދަމާގެ މެންދުރުފަހު 2:00 އެވެ.

އިލެކްޝަނުން ހުޅުވާލި ފުރުސަތުގައި މައި ޕާޓީތަކާއި އަމިއްލަ ކެންޑިޑޭޓުންގެ ތެރެއިން ވެސް ގިނަ ބަޔަކު މިހާރުވަނީ ފޯމް ހުށަހަޅާފައެވެ. ނަމަވެސް، މާދަމާ ފުރުސަތު ހަމާވާއިރު އަދިވެސް ބައެއް ފަރާތްތަކުން އަމިއްލަ ގޮތުން ވާދަކުރަން ޝައުގުވެރިކަން ފާޅުކުރާކަން ފާހަގަ ކުރެވެއެވެ.

އެއާއި ގުޅިގެން އިލެކްޝަނުން މިއަދު ބުނެފައިވަނީ، އެންމެ ފަހުވަގުތު ފޯމް ހުށަހެޅުމަށް މަޑުނުކޮށް އަވަހަށް ފޯމް ހުށަހާޅާ ނިންމުމަށް އެދޭ ކަމަށެވެ. އަދި މިފަހަރުގެ އިންތިހާބުގައި ވާދަކުރަން އިތުރު ފުރުސަތެއް ދޭން ހަމަޖެހިފައި ނުވާކަމަށް ވަނީ ބުނެފައެވެ.

މަޖިލިސް އިންތިހާބަށް މިހާރު ގިނަ ބަޔަކު ކުރިމަތިލަމުން އަންނައިރު، މިހާތަނަށް 183 ފަރާތެއް ކުރިމަތިލާފައިވާ ކަމަށް އީސީން ބުނެއެވެ. އެ ގޮތުން އިއްޔެ އެކަނިވެސް 115 ފަރާތަކުން ފޯމް ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން