މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލުމަށް އުޅޭތީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.

ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ހުށަހެޅުއްވި މައްސަލައިގެ ބަހުސް މި ހަފްތާގައި ރައްޔިތުންގެ މަޖިލީހުގައި ވަނީ ފަށައިފައެވެ.

މި މައްސަލަ ހުށައަޅުއްވަމުން ސަލީމް ވިދާޅުވީ، މިބިލު ހުށަހެޅީ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނަކީ 2008 ވަނަ އަހަރުގެ ގާނޫނުއަސާސީ ވުޖޫދަށް އައުމުގެ ކުރިން އެކުލަވައި އަމަލު ކުރަމުން އަންނަ ގާނޫނަކަށް ވާތީ ކަމަށެވެ. އަދި އެގާނޫނުގެ ސަބަބުން ވަޒީރުންނާ ސުވާލުކުރަން އޮންނަ ފުރުސަތު ހަނިވާކަމަށް ސަލީމް ވިދާޅުވެފައިވެއެވެ.

އެބިލަށް ވާހަކަފުޅު ދައްކަވަމުން މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ވަޒީރުންނާ ސުވާލު ކުރެވޭ ގާނޫނު އުވާލުމަށްފަހު އެކަމާގުޅޭ ގަވައިދެއް އެކުލަވާލަން އެމްޑީޕީން ގެންގުޅޭ ވިސްނުން ރަނގަޅު ނޫން ކަމަށެވެ. ހަމަ އެހެންމެ ގަވައިދެއް އެކުލަވާލުމަށްފަހު އެގަވައިދު ދެމި އޮންނަނީ އެންމެ ފަސް އަހަރަށްކަން ވެސް ރަޝީދު ފާހަގަ ކުރެއްވިއެެވެ.

"މިހާރު 19 ވަނަ މަޖިލީހުގެ ޤަވައިދު މިއޮތީ. 19 ވަނަ މަޖިލީހާއި އެއްކޮށް އެޤަވައިދު އުވިދާނެ. ދެން އަންނަ މަޖިލީހެއް އަންނައިރު އެއްވެސް ގާނޫނެއް ނޯންނާނެ." ރަޝީދު ވިދާޅުވިއެވެ.

ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވާލުމަށް ހުށައެޅިއިރު، މަޖިލީހުގެ ޤަވައިދުގައި ވަޒީރުންނާ ސުވާލުކުރެވޭ ގޮތަށް ހުރި ބައެއް މާއްދާތަކަށް އެމްޑީޕީން ވަނީ އިސްލާހު ގެނެސްފައެވެ.

އެގޮތުން ވަޒީރުންނަށް ޖަވާބުދާރިވުމަށް ކުރިން ދީފައިއޮތް 14 ދުވަހުގެ މުއްދަތަށް ބަދަލު ގެނައުމާއި ވަކިމައުޟޫއަކަށް ސުވާލު ކުރަން ޖެހޭގޮތަށް އޮތް އޮތުން އުވާލުން ހިމެނެއެވެ.

ސަލީމް ވިދާޅުވީ ގާނޫނުއަސާސީގެ 98 ވަނަ މާއްދާއާއި މަޖިލީހުގެ ގަވައިދުގެ 21 ވަނަ ބާބުގައިވެސް ވަޒީރުންނާ ސުވާލުކުރުން ހިމެނިފައިވާތީ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުގެ ބޭނުމެއް މިހާރު ނެތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން