ނައިފަރަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ޓްރާންސްފޯމަރ އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަޜޭޝަނުން ބުނީ ނައިފަރަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި 600 ކޭވީ ގެ ޖަނަރޭޓަރާއި 2500 ކޭވީ ގެ އައު ޓްރާންސްފޯމަރެއް ނައިފަރަށް ގެންގޮސްފައިވާ ކަމަށެވެ.



6000 އަށްވުރެ މަތީގެ އާބާދީއެއް އޮންނަ ނައިފަރުގައި ކަރަންޓް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ވަސީލަތްތަކަކީ ރަށުގެ އާބާދީއާއި އެކަށީގެންވާ ވަސީލަތްތަކެއް ނޫން ކަމަށް އެރަށު ކައުންސިލުން ބުނެފައި ވެއެވެ.

ނައިފަރަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި، މައްސަލަ ދިގުލައިގެންދިއުމުގެ ސަބަބުން އެންމެ ޖަނެރޭޓަރެއްގައި މައްސަލައެއް މެދުވެރިވުމުން މުޅި ރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭ ކަމަށް ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

"މައްސަލަ ހައްލުނުވެ ވަގުތީ ހައްލު ދާއިމީ ހައްލެއްކަމަށް ދެކިގެން މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ކޮށްފައި ނުވުމުގެ ސަބަބުން މިއަދުވެސް މިވަނީ ޖަނަރޭޓަރަކަށް ދިމާވި މައްސަލަ ހައްލުނުވެ ރައްޔިތުން ކަރަންޓު ހިދުމަތުން މަހުރޫމްވެފައި. ކަރަންޓު ހިދުމަތް މިހާރު ފޯރުކޮށްދެމުން ދަނީ ދެ ގަޑިން ދެ ގަޑިން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުން. މިހެން ދެރޭ ދެދުވާ ހޭދަވެގެންދިޔައިރު މިގޮތަށް ކަރަންޓު ކަނޑަން ޖެހުމުގެ ސަބަބުން ރައްޔިތުން ގޭގޭގައި ބޭނުންކުރާ އަގުބޮޑެތި ކަރަންޓު ސާމާނަށް ވަނީ ގެއްލުން ލިބިފަ. މިކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދޭ." ނައިފަރުގައި ދިމާވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައިނުވާކަން ފާހަގަކުރަމުން ކައުންސިލުން ބުނެފައި ވެއެވެ.

ހުސްވި ހަފްތާގައި ނައިފަރު ކައުންސިލުން ނެރުނު ނޫސްބަޔާނަށް އިޖާބަދީ، ނައިފަރަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުމަށް ވީހާވެސް އަވަހަށް މަސައްކަތްކުރަމުންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން