20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފޯމް އަނބުރާ ނަގަން ބޭނުންވާ ފަރާތްތަކަށް ދެ ދުވަހު މުހުލަތެއް އެ ކޮމިޝަނުން ދީފިއެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހެޅުމުގެ ސުންގަޑި މިއަދަށް ހަމަވިއިރު 381 ފޯމް ލިބިފައިވާކަމަށް އިލެކްޝަނުން ބުނެއެވެ. އަދި އެ ފޯމްތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތްތައް ވެސް މިހާރު ފަށާފައިވާކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އޭގެ ތެރޭގައި ފޯމް އަނބުރާ ނެގުމަށް ބޭނުންވާ ފަރާތެއް ހުރިނަމަ ފޯމް ނެގުމުގެ ފުރުސަތު ކޮމިޝަނުން ހުޅުވާލާފައިވާއިރު، އެފަދަ ފަރާތްތަކުން 16 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް އެދޭ ފޯމް މެދުވެރިކޮށް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދުވަނީ އެދިފައެވެ.

ފޯމްތައް ބަލާ ޗެކް ކުރުމަށްފަހު ޝަރުތުހަމަވާ ކެންޑިޑޭޓުން ހިމަނައިގެން އެކި ދާއިރާތަކުގެ ކެންޑިޑޭޓުންގެ ގުރުއަތު ތަރުތީބު ނަންބަރު ނެގުންފަދަ މަސައްކަތްތައް އިލެކްޝަނުން ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެއެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މާރޗް 17 ވަނަ ދުވަހެވެ. އެ ދުވަސް ދިމާވަނީ ރަމަޟާން މަހުގެ ތެރެއަށެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުން މިހާރުވަނީ ރަމަޟާން މަހުގައި އެ އިންތިހާބު ނުބޭއްވުމަށް ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން