މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް މަޑުޖައްސާލަން ހައިކޯޓުން މިއަދު ކުރި ހުކުމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތައުރީފު ކުރައްވައިފިއެވެ.

150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ގުޅީފަޅުގެ 100 ވަރަކަށް ހެކްޓަރު މިހާރުވެސް ވަނީ ހިއްކާ ނިމިފައެވެ. ނަމަވެސް، ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތުގައި އުޅޭ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާއި ގުޅިގެން، ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރި ހުކުމުގައި ވަނީ މައްސަލަ ނިމެންދެން މަޝްރޫއު ހުއްޓާލުމަށް އަމުރުކޮށްފައެވެ.

އެ ހުކުމާއި ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިމާވެއްޓަށް ބޮޑެތި އަސަރުތަކެއް ކުރާނެތީ އެ މަޝްރޫއު ހުއްޓުވުމަށް ހައިކޯޓުން ކޮށްފައިވާ ހުކުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން ގިނަ އަދަދެއްގެ ވެލި ނަގާނެގުން ވާނީ، ކައިރި ސަރަހައްދުތަކުގެ ފަރުތަކަށް ފޫނުބެއްދޭވަރުގެ ގެއްލުންތައް ލިބޭނެ ކަމެއްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގުޅީފަޅު ހިއްކުމުގެ މައްސަލައާއި ގުޅިގެން ކޯޓުން ހުކުމެއް ކޮށްފައިވީނަމަވެސް، ސަރުކާރުން މިކަމުގައި އަދި ބަހެއް ބުނެފައެއް ނުވެއެވެ.

ރައީސް ނަޝީދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ތިމާވެއްޓާ ބެހޭ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީގެ ޖެނެރަލްގެ ގޮތުގައެވެ. އެ ޖަމާއަތަކީ ރާއްޖެ އިސްކޮށް އޮވެ, ރައީސް ނަޝީދުގެ ރައީސްކަމުގައި އުފެއްދެވި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި މިހާރު 68 ގައުމަކުން ބައިވެރިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން