ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ފަރާތުން ޕްރައިމަރީ ބާއްވައި ކެންޑިޑޭޓުން ނެރެފައިވަނިކޮށް، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރާ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް އަމިއްލަގޮތުން ވާދަކުރަން ފޯމް ހުށަހަޅުއްވައިފިއެވެ.

އޭގެ ދެ ބޭފުޅުންނަކީ ވެސް ދާދިފަހުން އެމްޑީޕީ ދޫކުރައްވާ ކުއްލިގޮތަކަށް ޕީއެންސީއަށް ބަދަލުވެވަޑައިގެންނެވި ދެ ބޭފުޅުންނެވެ.

ޕީއެންސީއަށް އެ ބޭފުޅުން ކުއްލިގޮތަކަށް ބަދަލުވީ، ޕްރައިމަރީއަކާއިނުލާ ދާއިރާގެ ޓިކެޓް ދޭގޮތަށް އެއްބަސްވެގެންކަމަށް އޭރު އަޑުފެތުރުނެވެ. ނަމަވެސް، އެކަން އެބޭފުޅުން ދޮގުކުރެއެވެ.

ދާއިރާގެ ރައްޔިތުންގެ ތާއީދު އޮތީ އެ ބޭފުޅުންނަށް ކަމަށް ވިދާޅުވެ ދެ ބޭފުޅުން ވެސް އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް މިއަދު ފޯމް ހުށަހަޅުއްވާފައިވާއިރު، މިދިޔަ މަހު ބޭއްވި އެ ޕާޓީގެ ޕްރައިމަރީގައި މަތިވެރި ދާއިރާގެ ޓިކެޓް ލިބުނީ އަބްދުﷲ ލުތުފީއަށެވެ. ކުރެންދޫ ދާއިރާގެ ޕީއެންސީ ޓިކެޓް ލިބުނީ އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ނައިބު އާދަމް ތައުފީގަށެވެ.

ފޯމު ހުށަހެޅުއްވުމަށްފަހު ޣަނީ ވިދާޅުވީ, އިތުރު ދައުރަކަށް ކުރިމަތިލެއްވީ, ފެއްޓެވި ދަތުރު ކުރިއަށް ގެންގޮސް ނިންމުމަށް ކަމަށެވެ. އަދި މެމްބަރު ޒަރީރު ވިދާޅުވެފައިވަނީ، މަތިވެރި ދާއިރާގެ ރަށްތަކުގެ ޕީއެންސީ މެމްބަރުންގެ ތާއީދު އޮތީ އޭނާއަށް ކަމަށާއި ހާސްވާންޖެހޭ ކަމެއް ނެތް ކަމަށެވެ. އަދި މި އިންތިހާބު އޭނާ ކާމިޔާބު ކުރައްވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އަމިއްލަގޮތުން ވާދަކުރައްވަން ދެ ބޭފުޅުން ވެސް ކުރިމަތިލައްވާފައިވާއިރު، ޕީއެންސީގެ ފަރާތުން ކެންޑިޑޭޓުންނަށް ޓިކެޓު ދިނުމަށްފަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތާއީދާއިއެކު ކަމަށްބުނެ ބައެއް ފަރާތްތަކުން އަމިއްލަގޮތުން ވާދަކުރާ މައްސަލަ އެ ޕާޓީތެރޭގައި ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ނަމަވެސް، އެ މައްސަލައާއި ގުޅިގެން ޕީއެންސީގެ ފަރާތުން އަދި ވާހަކަ ދައްކާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން