މަޖިލީހުގެ ޢާއްމު ކޮމިޓީގެ ބައްދަލުވުން ކުރިއަށްދަނީ
މަޖިލީހުގެ ޢާއްމު ކޮމިޓީގެ ބައްދަލުވުން ކުރިއަށްދަނީ
ސުޕްރީމް ކޯޓުގައި މައްސަލަ ހިނގަނިކޮށް މަޖިލީހުގެ މެންބަރުންގެ ޢަދަދު ގުނާގޮތަށް އިތުރު ބަދަލުތަކެއް މަޖިލީހުގެ ޢާއްމު ކޮމިޓީން ގެނެސްފިއެވެ.

މަޖިލީހުގެ ޤަވާއިދަށް ޢާއްމު ކޮމިޓީން ބަދަލުތަކެއް ގެނެސްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާމެދު، މަޖިލީހުގެ ގަވާއިދަށް ގެނައި އިޞްލާޙު ބާޠިލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބަންޑާރަ ނާއިބު 28 ޖަނަވަރީ 2024 ގައި ހުށައެޅުއްވި ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް އެކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.

މަޖިލީހުގެ ޤަވާއިދަށް މަޖިލީހުގެ އާންމު ކޮމިޓީން ބުރާސްފަތިދުވަހު ގެނެސްފައިވާ ބަދަލުގައި، ސުޕްރީމް ކޯޓަށް ބާތިލުކުރުމަށް ބަންޑާރަނާއިބު ހުށަހަޅާފައިވާ މަޖިލީހުގެ ޤަވާއިދުގެ 49 މާއްދާގެ ކ.އާއި، އ.އާއި، ވ. ވަނީ ޤަވާއިދުން އުނިކޮށްފައެވެ. އަދި އެމާއްދާތައް އުނިކުރުމަށްފަހު، އެ މާއްދާތަކުގައި ހިމެނޭ ވާހަކަތަކަށް ބައެއް ބަދަލުތައް ގެނައުމަށްފަހު އައު މާއްދާއެއް މަޖިލީހުގެ ޤަވާއިދަށް ވަނީ އިތުރުކޮށްފައެވެ.

އެގޮތުން އަލަށް އިތުރުކުރި މާއްދާގައި ބުނަނީ މަޖިލީހުގެ ގޮނޑިތަކެއް ހުސްވެފައިވާ ހާލަތުގައި، ގޮނޑިތައް ހުސްވި ތާރީޚާއި އާންމު އިންތިޚާބަކާ ދެމެދުގައި 6 މަސްދުވަހުގެ މުހުލަތެއް ނެތްނަމަ، އެ ގޮނޑިތައް ނުހިމަނައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނޭނެ ކަމަށެވެ.

އިންތިޚާބުތަކާބެހޭ ޤާނޫނުގައި ބުނެފައިވާ ގޮތުން، މަޖިލީހުގެ ގޮނޑިއެއް ހުސްވެގެން އަލުން އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބައި-އިލެކްޝަނެއް ބޭއްވޭނީ ގޮނޑި ހުސްވި ތާރީޚުން ފެށިގެން އާންމު އިންތިޚާބަކާ ދެމެދުގައި 6 މަސްދުވަހުގެ މުއްދަތެއް ނެތްނަމައެވެ.

އަލަށް ގެނައި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްވުމުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދެމެދު މަޖިލީހުގެ ޖުމްލަ މެންބަރުން ގުނާނީ މިހާރު މަޖިލީހުން ވަކިވެވަޑައިގެންފައިވާ 7 މެންބަރުން ނުހިމަނައެވެ.

އޭޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި ވަނީ، ޤާނޫނުއަސާސީގެ 268 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފައިވާ އެ ގަވާއިދުގެ 49 ވަނަ މާއްދާގެ އަކުރުތަކަކީ، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިޚްތިޔާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ބާޠިލް އަކުރުތަކެއް ކަމުގައި ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލައިގައި އެދިފައިވާނެކަމަށް އޭޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ޢާއްމުކޮމިޓީގެ މިއިސްލާހު މަޖިލީހުގެ ތަޅުމުން ފާސްވުމުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސްގައި 56 މެންބަރުން އެބަތިއްބެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން