ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު
ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު
އެމްޑީޕީގެ ރައީސް ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު ވާދަކުރަށްވާނެކަން އިޢުލާނު ކުރަށްވައިފިއެވެ.

އެމްޑީޕީގެ ރައީސްގެ މަޤާމަށް ވާދަކުރަށްވާނެކަން އިޢުލާނު ކުރަށްވަމުން ޝާހިދު މިއަދު ވިދާޅުވީ އެކަމުގައި އެމްޑީޕީގެ އާއްމު މެންބަރުންގެ ތާއީދާއި އެއްބާރުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އައު ފޯރިޔަކާއި އައު ޖޯޝަކާއި އެކު، އާބާރެއްގައި އެމްޑީޕީ ނިކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިޔުމަށް އެންމެން އެކުވެ އަތުގުޅާލަން ވެއްޖެކަން ބަލާލި ކޮންމެދިމާލަކުން މިއަދު މިއޮތީ ފެންނަން." ޝާހިދު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ރައީސް ކަމުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޖޫން 21، 2023 ގައި އެމްޑީޕީން ވަކިވެ ވަޑައިގަތުމާ ގުޅިގެނެވެ. އޭގެ ފަހުން އެމްޑީޕީގެ ރައީސްކަމުގެ މަޤާމް ވަގުތީގޮތުން ފުރުއްވަމުން ގެންދަވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.



17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުވެސް އަދާކުރަށްވާފައިވާ ޢަބްދުﷲ ޝާހިދު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އާއި ގުޅިވަޑައިގެންފައިވަނީ 18 އޭޕްރީލް 2013 ގައެވެ. އަދި އެކަމުގެ އުފަލުގައި އެމްޑީޕީން ވަނީ 19 އޭޕްރީލް 2013 ވަނަ ދުވަހުގެ ރޭ ކާނިވަލް ސަރަހައްދުގައި “އާބާރެއް”ގެ ނަމުގައި ބޮޑު ޖަލްސާއެއްވެސް ބާއްވާފައެވެ.

އެމްޑީޕީގެ ދެ ވަނަ ސަރުކާރުގެ ޚާރިޖީ ވަޒީރުކަން ޝާހިދު ކުރަށްވާފައިވާއިރު އޭނާ ވަނީ އދ. ގެ އާންމު މަޖިލީހުގެ 76ވަނަ ދައުރުގެ ރައީސްކަންވެސް ކުރަށްވާފައެވެ.

ހުސްވެފައިވާ އެމްޑީޕީގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މިމަހުގެ 20 ވަނަ ދުވަހުގެ 14:00 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން