ރަށްރަށުގައި ހުންނަ ކުންފުނިތަކުގެ ސީއެސްއާރްގެ ދަށުން, އެ ރަށްރަށުގެ އެކަޑަމީތަކަށް ފަންޑް ކުރާނެ ގޮތެއް ހޯދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، "ރައީސްގެ ޖަވާބު"ގެ ނަމުގައި ރައީސް އޮފީހުން ސޯޝަލް މީޑިޔާގައި ގެނެސްދޭ ސިލްސިލާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން، ލ. ފޮނަދޫ، ޝާރާޒް، މުޙައްމަދު އަނަސްގެ ކަންބޮޑުވުމަކީ ރަށްރަށުގައި ކުޅިވަރުގެ ތަމްރީންދޭ އެކަޑަމީތަކަށް، ކުންފުނިތަކުގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެހީތެރިކަން ނުލިބޭތީއެވެ.

އަނަސް ބުނި ގޮތުގައި، އޭނާއަކީ ފޮނަދޫގައި އެކަޑަމީއެއް ހަދައިގެން، ކޯޗިންގެ ދާއިރާގައި އުޅޭތާ ހަތް ވަރަކަށް އަހަރު ވެފައިވާ މީހެއް ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ކުދިން ބިނާކޮށް، ތަމްރީނު ކުރަމުން ދާކަމަށް އަނަސް ބުންޏެވެ.

"އަޅުގަނޑު ކޮށްލަަން ބޭނުންވާ ސުވާލަކީ، އަޅުގަނޑުމެން އެކަޑަމީ ހަދައިގެން ރަށްރަށުގަ މަސައްކަތް ކުރަމުން ދާއިރުގަ މާލީގޮތުން މި ދިމާވާ ދަތިތައް ހައްލު ކުރުމަށްޓަކާ ސީއެސްއާރްގެ ދަށުން، ރަށްރަށުގަ ހުންނަ ކުންފުނިތަކުން ކީއްވެތޯއޭ ކުޅިވަރަށް ވީމަ އަޅުގަނޑުމެންނަށް އެއްވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށް ނުދެނީ" އަނަސް ބުންޏެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ، އެ ހިޔާލަށް އަމަލީ ސިފައެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައިި އެކަޑަމީތަކަށާއި ކޯޗުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުޅިވަރާބެހޭ ވަޒީރު މެދުވެރިކޮށް އެހީވެރިކަން ލިބޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރަށްވާނެ ކަމަށާއި އެސޯސިއޭޝަން ތަކަށްވެސް ގޮތްތައް ހޯދައިދިނުމަށް ކުންފުނިތަކާ ވާހަކަ ދައްކައިގެން ރަނގަޅު ސިޔާސަތެއް ބައްޓަން ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން