މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ޕްރޮސެސް ކުރިއަށް ދާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އިން ބުނެފިއެވެ.

މަސްވެރިންނަށް ފައިސާ ނުދީ ލަސްވަމުން ދާކަމަށް ބުނެ ކޫއްޑޫގައި މަސްވެރިން މުޒާހަރާ ކުރަމުންދާ މައްސަލައިގައި މިފްކޯއިން ނެރުނު ނޫސްބަޔާނުގައި ބުނީ، މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިފްކޯގެ ސީއީއޯ އާއި މެނޭޖްމަންޓް ޓީމުން މަސްވެރިންނާއި ބައްދަލުކޮށް އެބޭފުޅުންގެ އުދާސްތަކާއި ޝަކުވާތައް ވަރަށް ގާތުން އަޑުއަހާފައިވާ ކަމަށެވެ.

އަދި މަސްވެރިން ތަހައްމަލު ކުރަމުން ގެންދާ މޮޅިވެރިކަމަށް ނިމުން ގެނައުމަށް މިފްކޯގެ މެނޭޖްމަންޓުން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން މިފްކޯއިން ދީފައި ވެއެވެ.

"މި ބައްދަލުވުންތަކުގައި މަސްވެރިން ދެއްކެވި ރިވެތި ނަމޫނާއާއި އެބޭފުޅުން ބެހެއްޓެވިގާތްކަން ނުހަނު އުފަލާއެކު ބަލައިގަންނަން." މިފްކޯއިން ބުންޏެވެ.

މީގެ އިތުރުން މިފްކޯއިން ބުނީ މަސްއޮޑިފަހަރަށް ދޭންޖެހޭ ފައިސާ ދޫކުރުމުގެ ހައްލު ހޯދައިދިނުމަށް ކަމާބެހޭ ވުޒާރާތަކާއި މަސްވެރިން ގުޅިގެން، މިފްކޯގެ މެނޭޖްމަންޓް ޓީމުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

އަދި ކޫއްޑޫގައި ބޭއްވި ބައްދަލުވުންތަކުގައި ފާހަގަ ކުރެވިފައިވާ ފަދައިން، މަސްވެރިންނަށް ފައިސާ ދޫކުރާނޭ ގޮތުގެ ތަފްސީލުތައް ހިއްސާ ކޮށްފައިވާ ގޮތަށް މިއަދުން ފެށިގެން ފައިސާ ދޫކުރުމުގެ ޕްރޮސެސް ކުރިއަށް ދާ ކަމަށް މިފްކޯއިން ބުންޏެވެ.

"މިފްކޯއިން އަބަދުވެސް މަސައްކަތްކުރަމުން މިގެންދަނީ މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި އަވަސް ޚިދުމަތް ފޯރުކޮށްދ،ީ މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ މިކުންފުނިން ދެވޭ ޚިދުމަތަކީ މަސްވެރިންނަށް ފަސޭހަ ޚިދުމަތަކަށް ހެދުމަށް." މިފްކޯއިން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން