ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވަނީ މި ގައުމު ފާލުން ނައްޓުވާލާފައި ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ ގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ރާއްޖޭގެ މިއަދުގެ ހާލަތަށް އިޝާރާތް ކުރައްވާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ގައުމުގެ ކަންކަމުގެ މިސްރާބު އޮޅިފައިވާތަން ކަމަށެވެ.

ޝާހިދު ވިދާޅުވީ، އެގޮތަށް ސަރުކާރުން ކަންކަން އޮޅުވާލަމުންގޮސް ތިމަރަފުށީ ދާއިރާގެ ސަރުކާރު ކެންޑިޑޭޓު ވެސް އޮޅުވާލާފައިވާކަމަށެވެ. ޝާހިދުގެ ވާހަކައިގައި ފާހަގަ ކުރެއްވީ، ޕީއެންސީގެ ކެންޑިޑޭޓު ހުއްޓާ ސަރުކާރާއި ރައީސްގެ ތާއީދާއިއެކު އަމިއްލަގޮތުން އެ ދާއިރާއަށް ކެންޑިޑޭޓަކު ނެރެގެން އުޅޭ މައްސަލައަށެވެ.

ރާއްޖޭގެ މިސްރާބު ހުރިގޮތުން އެކަން ހަމަމަގަށް އެޅުވޭނީ އެމްޑީޕީއަށް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ލިބިގެން ކަމަށާއި ރީދޫ ލަޝްކަރު އުތުރާއި ދެކުނާއި މެދުރާއްޖެތެރޭގައި އަދި މާލޭގައި ފެތުރިގަންނާނެ ކަމަށާއި، 20 ވަނަ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން ބޮޑުކޮށް ނަގާނެ ކަމަށް ޝާހިދު މިރޭ ވަނީ ވިދުވެފައެވެ.

"އަޅުގަނޑުމެންގެ ވަރުގަދަ މި ރީދޫ ލަޝްކަރު އުތުރާއި ދެކުނާއި، އަނެއްކާވެސް މެދުރާއްޖެ ތެރޭގައާއި މާލޭގައި އަނެއްކާވެސް މިފެތުރިގަންނަނީ. އަޅުގަނޑުމެންގެ ޕާޓީ އައު ޖޯޝަކާއި އައު ބާރެއްގައި މަޖިލިސް 20 ބޮޑުކޮށް ނަގަން." ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކައިގައި ވަނީ މި ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ، ރާއްޖޭން ބޭރަށް ބޮޑެތި ވަފުދުތައް ދަތުރުކޮށް ބޭކާރު ބޮޑެތި ހަރަދުތައް ކުރައްވާކަން ވެސް ފާހަގަކުރައްވާ އެކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން