ސަރުކާރުގައި އޮތަސް އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮތަސް، ރައްޔިތުންގެ މަޖިލިސް ލިބެންވާނީ އެ ޕާޓީއަށްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ތޮއްޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ހުސެން ސަމީރަށް ކެމްޕޭންކޮށްދިނުމަށް އއ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ޝާހިދު ވިދާޅުވީ، އެމްޑިޕީއަކީ ސަރުކާރުގައި އޮންނައިރު ވެސް އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ވެސް ޒިންމާދާރުކަމާއިއެކު މަސައްކަތް ކުރާކަން ހާމަކޮށްދީފައިވާ ޕާޓީއެއްކަމަށެވެ.

އެގޮތުން، މިދިޔަ ސަރުކާރުގައި އެމްޑީޕީގެ ވެރިކަމެއް އޮވެމެ، މަޖިލީހުގެ މިހިނގާ އެމްޑީޕީގެ މެޖޯރިޓީއޮތް ދައުރު ވެފައިވަނީ، އެންމެ ގިނަ އަދަދަކަށް ވަޒީރުން ހާޒިރުކޮށް ސުވާލުކޮށް ޒިންމާދާރު ކުރުމަށް މަސައްކަތްކުރި ދައުރަށްކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އެމްޑީޕީއަކީ ގާނޫނު އަސާސީ ހިމާޔަތްކޮށް ގާނޫނީ ވެރިކަން ދަމަހައްޓާނެ ބައެއްކަމަށާއި އަދި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކޮށްދޭނެ ބައެއްކަމަށެވެ.

އެހެންކަމުން، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޮޑު މެޖޯރިޓީއެއް އެމްޑީޕީއަށް ދިނުމަށް ޝާހިދުވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން