ސަރުކާރުން ފަންޑު ހޯދައިގެން ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ އަންހެނުން މަޖިލީހަށް ހޮވައިދިނުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ގޮވާލައްވައިފިއެެވެ.

އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށް އާޓިފިޝަލް ބީޗުގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލީހުގައި ތިބި އަންހެނުން ނިސްބަތުން ވަރަށް މަދު ކަމަށާއި، އެގޮތުން މިވަގުތު މަޖިލީހުގައި ތިއްބެވީ އެންމެ 4 އަންހެން ބޭފުޅުން ކަމަށެވެ. އަދި އެމްޑީޕީގެ ޓިކެޓްގައި 6 އަންހެން ބޭފުޅަކު މަޖިލީހަށް މިފަހަރު ވާދަކުރާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމުގައި ހުންނެވި ރޮޒެއިނާ ވިދާޅުވީ މަޖިލީހުގައި 20 އިންސައްތަ އަންހެނުން ބޭތިއްބުމަށް ސްޕޮންސަރ ހޯއްދަވައިދެއްވައިގެން ނަމަވެސް އަންހެނުން ނެރޭނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވަނީ އެންމެ 2 އަންހެނުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ރޮޒައިނާ ވަނީ މިހާރު ތިބި މަދު އަންހެނުންކޮޅު މަޖިލީހަށް ވާދަކުރަން ފަންޑުކޮށްދިނުމަށް ރައީސް ޑރ. މުއިއްޒަށް ގޮވާލައްވާފައެވެ.

މަޖިލީހަށް ކުރިމަތިލާފައި ތިބި އަންހެނުންގެ އަދަދު މަދުކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވަމުން ރޮޒައިނާ ވިދާޅުވީ މިކަމުގެ ސަބަބަކީ ފަންޑު ނެތުންކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން ކުރިމަތިވާ ފުރައްސާރައަކީ އަނެއް ސަބަބުކަމަށް ވިދާޅުވެ އެކަން ހުއްޓާލުމަށް ރޮޒެއިނާ ގޮވާލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން