ރައްޔިތުންގެ މަޖިލީހުގެ މެންބަރުން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން
ރައީސް ތަސްދީގުނުކުރަށްވައި، އަނބުރާ މަޖިލީހަށް ފޮނުވި އިންތިޚާބާ ބެހޭ ބިލު އަނެއްކާވެސް އެއޮތްގޮތަށް މަޖިލީހުން ފާސްކޮށްފިއެވެ.

އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާއަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށައެޅުއްވި އިސްލާޙުގައި ވަނީ، އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތްނަމަވެސް، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވާއިގެން ނުވާނެ ކަމަށާއި، އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިޚާބެއް ބާއްވަންވާނީ ރަމަޟާން މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށެވެ.

އޭގެ އިތުރުން އިންތިޚާބުތަކާގުޅޭ ޚާއްސަ ގާނޫނެއްގެ ދަށުން، ނުވަތަ އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ ދަށުން އެކިކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާނަމަ، ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވާ ގޮތަށް އިންތިޚާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލުގެނެސް، އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ ކަމަށް މަޖިލީހަށް ފާސްކުރި އިސްލާޙުގައިވެއެވެ.

މަޖިލީހުން އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމަށް ފޮނުވުމުން ރައީސް ވަނީ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ.

ރައީސް އޮފީހުން ބުނީ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލީ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން ކަމަށެވެ. އަދި މި ބިލު، އަނބުރައި ފޮނުއްވައިލީ މި ބިލުގައި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ތަޢާރުޟުވާ ކަންކަމާއި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިޚާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވާފައިވާތީ ކަމުގައި ރައީސް އޮފީހުން ބުނެފައި ވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެބިލު އޮތްގޮތަށް ދެވަނަ ފަހަރަށް ފާސްކުރީ މަޖިލީހުގައި ނެގި ވޯޓުގައި 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދިނީ 14 މެންބަރުންނެވެ.

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" ކަމަށެވެ.

މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތަކީ 43 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން