ކަނޑުން ބައެއް ގެއްލުނުކަމަށް ބުނެ ހެދީ ދޮގެއްކަން މިއަދު އެނގިއްޖެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އޭޖީ އޮފީހުން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމާފައިވާ ނިންމުން ބަދަލުކުރަން ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެ ނިންމުމަކީ އިޓްލޮސްއަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށް ކަނޑުގެ ގާނޫނުގެ ޚަބީރުން ލަފާދެއްވާފައިވާ ކަމަށެވެ.

އެ ބަޔާނާއި ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތަކީ، ވެރިކަމަށް އައުމަށް ކުރި ކެމްޕޭނުގެ ތެރޭގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނުކަމަށް ސިފާވާގޮތަށް ކެނޑިނޭޅި ދައްކަމުންދިޔަ ވާހަކަތަކަކީ ދޮގުވާހަކަތަކެއްކަމާ އަދިވެސް ސަރުކާރުން އެދަނީ ރައްޔިތުންނަށް އޮޅުވާލަމުންކަން ސާފުކޮށް އެނގޭ ކަމަށެވެ.

އަދި އޭޖީ އޮފީހުން ނެރުނު ނޫސް ބަޔާނުން އެ މައްސަލަ އިސްތިއުނާފު ކުރެވޭނެކަން ނުވަތަ ނުކުރެވޭނެކަން ވެސް ސާފު ނުވާ ކަމަށާއި 28 އެޕްރީލް 2023 ގައި އިޓްލޮސް އިން ކޮށްފައިވާ ހުކުމާ ގުޅޭގޮތުން އެ ދުވަހުން ފެށިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދިޔަ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ހުރިކަން ދައްކުވައިދޭ ކަމެއް އެ ޙުކުމުގެ ފަހުން 10 މަސްދުވަސް މިހާރު ފާއިތުވެފައިވާއިރު ވެސް ދެއްކިފައެއް ނެތް ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ، މައްސަލައިގެ ފުރަތަމަ މަރުހަލާތަކުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން އަމަލުކުރީ "ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް" ކަމަށް އޭޖީ އޮފީހުގެ ނޫސް ބަޔާނުގައި ބުނާއިރު، މައްސަލައިގެ ނޯޓިސް ސަރުކާރަށް ލިބުމުން ސަރުކާރުން ކަމާގުޅޭ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ ޓީމެއް އޭރު އެކުލަވާލާފައި އޮންނާނެކަމަށެވެ.

މީގެއިތުރުން 28 އެޕްރީލް 2023 ގައި އިޓްލޮސްއިން ކުރި ޙުކުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ހަމަޖެހޭ ޙުކުމެއް ނޫންކަމަށާއި، އެއީ އިޓްލޮސްއަށް ޤާނޫނީގޮތުން ނިންމޭނެ ނިންމުމެއްކަމާމެދު ސުވާލުއުފެދޭކަމަށް ނޫސްބަޔާނުގައި ބުނެފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެނެއް ނޫން ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

"މައްސަލަ މައުލޫއީ ގޮތުން ބެލުމުގެ މަރުހަލާގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާހުރި ބައިނަލްއަގުވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ހަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް އައްޔަނުކޮށް، ދިވެހިރާއްޖޭގެ ފަރާތުން ހުށަހެޅުންތައް ހުށަހަޅާފައިވާނީ ދިވެހިރާއްޖެއަށް އެންމެ ބޮޑު ސަރަހައްދެއް ލިބޭނެ ފަދަ ގޮތަކަށް ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމަށް އިސްކަން ދީގެންނެވެ. މި މައްސަލައިގައި ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން އިޓްލޮސްގައި ވާނީ އެންމެ ފުރިހަމައަށް ދިފާއު ހުށަހަޅާފައެވެ،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އަދި އެމްޑީޕީން ބުނެފައިވަނީ ކުރީ ސަރުކާރުން އެކަމުގައި އަމަލުކޮށްފައިވަނީ ޒިންމާދާރުކޮށް ނޫންކަމަށް ބުނާ ސަބަބެއް އޭޖީއަށް ބުނެދެވިފައި ނުވާކަމަށާއި އަދި އެފަދައިން ލަފާދިން "ޚަބީރުން" ނަކީ ކޮބައިކަން ވެސް ބުނެފައި ނުވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން