ކުރިއަށްއޮތް ރަމަޟާން މަހުގެ ތެރޭގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމަށް މަޖިލީހުން ފާސްކޮށްފައިވާ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރެއްވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

އެ ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު މިރޭ ވިދާޅުވީ، އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސް ތަސްދީގުކުރެއްވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާއި ބެހޭ ހާއްސަ ޖަލްސާއެއް މިރޭ 9:00 ގައި ބާއްވަން ހަމަޖެހިފައިވާކަމަށެވެ.

ޖަލްސާގެ ބޭނުމަކީ ކޮބައިކަމެއް ހަބީބު ސީދާ ވިދާޅެއް ނުވެއެވެ. ނަމަވެސް، މި ބައްދަލުވުން ބާއްވަން ނިންމާފައި މިވަނީ ރަމަޟާން މަހުގެ ތެރޭގައި އިންތިހާބު ބާއްވައިގެން ވިޔަސް އަވަހަށް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮއްވާ ބިލް ތަސްދީގު ކުރެއްވުމުން އެކަމުގައި ކުރަންޖެހޭ މަޝްވަރާތައްކޮށް އިންތިހާބުގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތަކަށް މަޝްވަރާކުރަން ކަމަށް ބެލެވެއެވެ.



އިންތިހާބު ރަމަޟާން މަހު ނުބޭއްވޭނެކަމަށް ކަނޑައަޅާ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުން އެންމެ ފުރަތަމަ ނިންމެވުމުން ރައީސް ވަނީ އެ ބިލް ތަސްދީގު ނުކުރައްވާ އަނބުރާ ފޮނުވާލައްވާފައެވެ. އަދި ދެވަނަ ފަހަރަށް އެ ބިލް ފާސްކޮށް ފޮނުވުމުން މިއަދު ރައީސް ވަނީ ބިލް ތަސްދީގު ކުރައްވާފައެވެ.

މި ކަމާއިގުޅޭގޮތުން ރައީސް ދާދިފަހުން ވިދާޅުވެފައިވަނީ، އިންތިހާބު ރަމަޟާން މަހުގެ ކުރިން ބޭއްވުމަށް އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވާތީ އެގޮތަށް އެކަން ކުރުމަށް ހުށަހެޅުއްވިކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން