ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި، ބިރަށް ސިހުމެއް ނެތި ފަހަތަށް ނުޖެހި، އެމްޑީޕީގެ މެމްބަރުންނަށް ވޯޓު ލުމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އެމްޑީޕީގެ މެމްބަރުންނަށް ގޮވާލައިފިއެވެ.

މޫކޭ މިހެން ވިދާޅުވީ، އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ރޭ ބޭއްވި "ދޮގު ދޮލަނގު ޖަލްސާ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޫކޭ ވިދާޅުވީ، އިންތިހާބު ރޯދަ މަހުގައި ނުވަތަ އެހެން މަހެއްގައި އޮތް ނަމަވެސް، މި ވެރިކަން ނިންމަން ނުކުމެ އެމްޑީޕީއަށް ވޯޓުލައި ރާއްޖެ ހަމަ މަގަށް އަޅުވަން ޖެހޭ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މޫކޭ ވިދާޅުވީ، ރައީސް މުއިއްޒުގެ ސިޔާސީ ހަޔާތްޕުޅުން ފެނިގެން ދަނީ ބޭވަފާތެރިކަން ކަމަށެވެ. އެގޮތުން އެމްޑީއޭއިން، އަދާލަތު ޕާޓީން، ޕީއެންސީން، ޕީޕީއެމްއިންވެސް މުއިއްޒުގެ ފަރާތުން ފެނިގެން ދިޔައީ ބޭވަފާތެރިކަން ކަމަށް މޫކޭ ވިދާޅުވިއެވެ.

"އެއްވެސް މީހަަކަށް ވަފާތެރިވި މީހެއް ނޫން އެއީކީ" މޫކޭ ވިދާޅުވިއެވެ.

މީގެ އިތުރުން މޫކޭ ވިދާޅުވީ، މިއީ ދޮގުވެރިކަމެއް ކަމަށެވެ. އަދި މި ވެރިކަން އަނިޔާވެރިކަމާއި ބިރުވެރިކަމަށް ބަދަލުވިޔަ ނުދިނުމަށް މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ވޯޓުދޭން ޖެހޭ ކަމަށް މޫކޭ ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓު ލާ ގޮތަކުން މި ވެރިކަން އަނިޔާވެރި ކަމަށް ބަދަލު ވެގެން ދާނެ ކަމަށް މޫކޭ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން