ރައީސް ޑރ. މުއިއްޒު މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރައްވައިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމަނިކުފާނު ކެމްޕެއިން ކުރެއްވުމަށް ކުރައްވަމުންގެންދާ ދަތުރުތަކެއްކަމަށް ތުހުމަތުކޮށް އެކަން ކުށްވެރިކޮށް ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއިން ނެރުނު ނޫސްބަޔާން އަނބުރާ ގެންދިއުމަށް ލޯކަލް ގަވަންމަންޓް އޮތޯރިޓީއިން އެ ކައުންސިލަށް އެންގި އެންގުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން ބުނީ، ކައުންސިލްތަކުން ނެރޭ ބަޔާންތައް އަނބުރާ ގެންދިއުމަށް އެންގުމާއި ކައުންސިލްތަކުން ނިންމާ ނިންމުންތަކާމެދު ބިރުދެއްކުމުގެ ނިޔަތުގައި ލޯކަލް ގަވަންމަންޓް އޮތޯރިޓީ މެދުވެރިކޮށް ސުވާލުކުރުމަކީ އަލުން އަނެއްކާވެސް 2013 ގައި އުފެދުނު ޕީޕީއެމްގެ ވެރިކަމުގައި ކައުންސިލްތަކަށް ރައްޔިތުންގެ އިންތިހާބުކޮށްފައިވާ ކައުންސިލަރުންގެ މުސާރަ އުނިކޮށް, ސަސްޕެންޑްކޮށް ކައުންސިލްތަކުގެ ބާރު އަނެއްކާވެސް ކަނޑުވާލުމުގެ ފިކުރު ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެ ސިޔާސަތު އިއާދަކުރުމަށް ކުރަމުންދާ ކަމެއްކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.



"ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ސަރުކާރަށް ގޮވާލަނީ “އެޓޯލްސް” މިނިސްޓްރީ މެދުވެރިކޮށް ބިރު ދެއްކުން ހުއްޓާލާ އަދި “އެޓޯލްސް” މިނިސްޓްރީ އުވާލުމަށް." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ރައީސް ކެމްޕޭން ހަރަކާތް ހިންގާފައިވާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށްބުނެ ނ. ކެނދިކުޅުދޫ ކައުންސިލުން ބަޔާނެއް ނެރުނީ އިއްޔެއެވެ.

އެކަމާ ގުޅިގެން އެރަށު ކައުންސިލުން އާއްމުކުރި ނޫސްބަޔާނުގައި ބުނީ، ރައީސް އެރަށަށް ވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.

"ކައުންސިލަށް އެ ހަފްލާ ސިފަވެގެން ދިޔައީ، ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ވަޑައިގެން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ގޮތުގަ" އެ ނޫސްބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ނޫސްބަޔާނުގައި ކެނދިކުޅުދޫ ކައުންސިލުން ބުނީ، އިންތިހާބަށް ކެމްޕޭން ކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާތައް ބޭނުން ކުރުމަކީ އިންތިހާބުތަކާ ބެހޭ ގާނޫނުގެ ދަށުން މަނާކަމެއް ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އެ ކައުންސިލުން ވަނީ އެންމެހާ ސިޔާސީ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން