ފެނަކައިގެ މުވައްޒަފުން މަސައްކަތުގައި
ފެނަކައިގެ މުވައްޒަފުން މަސައްކަތުގައި
ފެނަކައިގެ 302 ޖެންސެޓް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައި ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

މުޢާޒް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ބ. ކެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެޖަލްސާގައި މުއާޒު ވިދާޅުވީ، ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެކިހިސާބުތަކުގައި 502 ޖެންސެޓް ބޭނުން ކުރަމުން އަންނައިރު، 302 ޖެންސެޓް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު އިހުމާލެއް ކަމަށް މުއާޒް ވިދާޅުވިއެވެ.

"މެއިންޓަނަންސަށް މިދިޔަ ފަސް އަހަރު ތެރޭގައި އެއްވެސް ހަރަދެއް ނުކުރޭ. އޭގެ ބޭނުމަކީ ޖެންސެޓްތައް ގަތުން. ބޮޑު ވިޔަފާރިއެއް ހަދާފައޮތީ." މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ 2022ގެ ފަހުން 90 ޖެންސެޓް ފެނަކައަށް އަލަށް ގެނެސްފައިވާ ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ. ނަމަވެސް ހާލަތަށް ބަދަލެއް އައިސްފައިނުވާ ކަމަށާއި، ކުރީ ސަރުކާރުން ޖެންސެޓްތައް މަރާމާތު ކުރުމަށް ސަމާލުކަމެއް ދީފައިނުވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް މުއާޒު ވިދާޅުވިއެވެ.

"ނަމަވެސް ޖެންސެޓްތަކުގެ މަރާމާތަށް އަހަރަކު 100 މިލިއަން ރުފިޔާ ހަަރަދުކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކާ." މުއާޒު ވިދާޅުވި އެވެ.

އޭގެ އިތުރުން ޖެންސެޓްތަކަށް ބޭނުންވާ ސްޕެއާތަކާއި، ބައެއް ލިކުއިޑް ފެނަކައަށް ހޯދާފައި ނުވާތީ އެ ހުރިހާ ޖެންސެޓެއް ހަލާކުވެފައިވާ ކަމަށްވެސް މުއާޒު ވިދާޅުވިއެވެ. އަދި އެފަދައިން އިހުމާލުވެ، އިންޖީނުތައް ހަލާކު ކުރުމަށްފަހު، އާ އިންޖީނުތައް ގެނެސް ބޮޑު ވިޔަފާރިއެއް ފެނަކައިން ހިންގާފައިވާކަމަށް މުއާޒް ވަނީ ތުހުމަތު ކުރަށްވާފައެވެ.

"ހަ ސަތޭކައިގެ ޖެންސެޓަކަށް ތިން ސަތޭކައިގަ މިއުޅެނީ ލޯޑް. އެހެންވެ އަޅުގަނޑުމެންނަށް މަޖުބޫރު މިވަނީ އާ އެއްޗެއް ހޯދަން. ފެނަކައިން ކޮށްފައި އޮތީ މި ވިޔަފާރި." މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ ފެނަކައަކީ 157 ރަށުގައި ހިދުމަތް ދޭ ކުންފުންޏެއް ކަމަށާއި، ނަމަވެސް އެކުންފުނީގައި އަމިއްލަ ސާވިސް ސެންޓަރެއްވެސް ނެތް ކަމަށެވެ. އެހެންކަމުން 60 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ސާވިސް ސެންޓަރެއް ހެދުމަށް މިހާރު ނިންމާފައިވާ ކަމަށް ވެސް މުއާޒު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން