ބަންޑާރަނައިބު އަޙްމަދު އުޝާމް (ކ)
ބަންޑާރަނައިބު އަޙްމަދު އުޝާމް (ކ)
ކައުންސިލަކުން ނެރުނު ބަޔާނެއް ބާތިލުކުރަން ލޯކަލް ގަވަމެންޓު އޮތޯރިޓީއަށް ނޭނގޭނެ ކަމަށް ބަންޑާރަ ނާއިބު އަޙްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބުގެ އޮފީހާއި ޑިފެންސް މިނިސްޓްރީ ގުޅިގެން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީ އުޝާމް ވިދާޅުވީ، ކެނދިކުޅުދޫ ކައުންސިލުން ނެރުނު ނޫސްބަޔާނެއް ބާތިލުކުރަން އެލްޖީއޭއިން އެންގީ އެއީ އެލްޖީއޭ އަށް ނުކުރެވޭނެ ކަމެއްކަމަށް ބަންޑާރަނައިބުގެ އޮފީހުން ޤާނޫނީ ލަފާ ދީފައި ވަނިކޮށް ކަމަށެވެ.

އެލްޖީއޭއަށް ޤާނޫނީ ލަފާދިނުމަކީ ބަންޑާރަނައިބުގެ ޒިންމާއެއްކަން ފާހަގަ ކުރަށްވަމުން އުޝާމް ވިދާޅުވީ، ކައުންސިލުތަކާއި، އެލްޖީއޭވެސް މަސައްކަތްކުރަންޖެހޭނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ލިބިދީފައިވާ ހުދޫދުގެ ތެރެއިން ކަމަށެވެ.

"ޤާނޫނުއަސާސީ ނުވަތަ ޤާނޫނާ ޚިލާފަށް ކައުންސިލުން ކަމެއް ހިންގައިފިނަމަ އެލްޖީއޭއިން އަމަލުކުރަންޖެހޭނީ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާ އެއްގޮތަށް. އެ އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހު މެނުވީ އެލްޖީއޭއަށް ކައުންސިލަކާމެދު ފިޔަވަޅުނޭޅޭނެ." އުޝާމް ވިދާޅުވިއެވެ.

އުޝާމް މިއަދު ވިދާޅުވީ ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނާ ގުޅިގެން އެ ކައުންސިލަށް ބަޔާން ބާތިލުކުރުމަށް ލޯކަލް ގަވަމެންޓު އޮތޯރިޓީއަށް އެންގިދާނެކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އުޝާމް މިމޭރުމުން ވިދާޅުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެފައިވަނީ އެއްވެސް ކައުންސިލަކާމެދު އެލްޖީއޭއިން ފިޔަވަޅުއެޅުމަކީ އެމަނިކުފާނު ޤަބޫލުކުރަށްވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެލްޖީއޭގެ ސީއީއޯ އަކަށް ބޭފުޅަކު އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ރައީސް ޑރ. މުއިއްޒު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. މަރިޔަމް ޒުލްފާ އެވެ.

ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ރައީސް ކެމްޕޭން ހަރަކާތް ހިންގާފައިވާ ކަމަށާއި، އެކަން ކުށްވެރިކުރާ ކަމަށްބުނެ ނ. ކެނދިކުޅުދޫ ކައުންސިލުން ބަޔާނެއް ނެރުނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އަދި އެނޫސްބަޔާން ބާތިލު ކުރުމަށް އެލްޖީއޭއިން އެކައުންސިލަށް އެންގީ މިމަހުގެ 3 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން