ބަންޑާރަނައިބު އަޙްމަދު އުޝާމް (ވ)
ބަންޑާރަނައިބު އަޙްމަދު އުޝާމް (ވ)
ކުރީ ސަރުކާރުން ބަދަލުގެ ގޮތުގައި 10 ފަރާތަކަށް 1 ބިލިއަން ރުފިޔާ ދޫކުރަން ނިންމި މައްސަލަ މުރާޖައާ ކުރުމަށްޓަކައި އޮޑިޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާކަން ބަންޑާރަނައިބު އަޙްމަދު އުޝާމް ހާމަކުރަށްވައިފިއެވެ.

ބަންޑާރަނައިބުގެ އޮފީހާއި ޑިފެންސް މިނިސްޓްރީ ގުޅިގެން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީ އުޝާމް ވިދާޅުވީ، ރައީސް ޞާލިޙް އުފެއްދެވި ސެޓްލްމެންޓް ކޮމިޓީން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ ހަރުމުދާއި، ފައިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އަމިއްލަ ފަރާތްތަކާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި، ސެޓްލްމެންޓް ކޮމިޓީން ނިންމި ނިންމުންތަކުގެ ލިޔެކިޔުންތައް ރައީސްއޮފީހުން ބަންޑާރަނައިބުގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

އަދި އެގޮތަށް ދީފައިވާ ބަދަލު އަގުކުރުމުން ހަރުމުދަލާއި ފައިސާގެ ގޮތުގައި އެކި ފަރާތްތަކަށް ޖުމްލަ 1 ބިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއް ދީފައިވާކަން ފާހަގަކުރެއްވޭ ކަމަށް އުޝާމު ވިދާޅުވިއެވެ. އޭގެތެރެއިން ގިނަ މައްސަލަތަކަކީ ޝަރުޢީ މަރުޙަލާގައި ހިނގަމުންދާ އަދި އެ މައްސަލަތައް ކޯޓަށް ހުށަހެޅި ފަރާތްތަކަށް ކާމިޔާބުނުކުރެވޭނެ މައްސަލަތައްކަން އުޝާމް ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އެފަދަ 10 މައްސަލައެއްގެ އެސެސްމެންޓެއް ހެދުމަށް އޮޑިޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

"ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިހުރި ސެޓްލްމެންޓު އަގުކުރާނަމަ 1 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހަރުމުދަލާއި ފައިސާގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާކަން ފާހަގަކުރެވޭ.. އަދި ދައުވާކޮށްފައިވާ ފަރާތްތަކަށް ސާފުކޮށް ވިންނުވާނެ ކަހަލަ ބައެއް މައްސަލަތަކުގައި ބަދަލުދިނުމަށް ނިންމާފައިވޭ." އުޝާމު ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ބަދަލު ދިނުމަށް ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި، ބޮޑު ބަދަލެއް ނުދިނުމަށް އޮޑިޓާ ޖެނެރަލް އޮފީހުން އަންގާފައިވަނިކޮށް އެއަށްވުރެ ބޮޑެތި ބަދަލުތަކެއް ދީފައިވާ މައްސަލަތައްވެސް ހިމެނޭ ކަމަށެވެ.

އެހެންކަމުން ސެޓްލްމެންޓު ކޮމިޓީން ބަދަލުގެ ގޮތުގައި ދިނުމަށް ނިންމާފައިވާ މުއާމަލަތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޓުއަރިޒަމް މިނިސްޓްރީއަށާއި ފިނޭންސް މިނިސްޓްރީއަށް މިހާރު އަންގަވާފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން