ރާއްޖޭގައި ތިބި އިންޑިއާ ސިފައިން
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން
އިންޑިއާގެ ވައިގެ އުޅަނދުތައް އޮޕަރޭޓް ކުރުމަށް އެގައުމުގެ 26 މަދަނީން ރާއްޖެ އައިސްފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

ބަންޑާރަނައިބުގެ އޮފީހާއި ޑިފެންސް މިނިސްޓްރީ ގުޅިގެން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކާނަލް އަހްމަދު މުޖުތަބާ ވިދާޅުވީ، އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އިންޑިއާ ސިފައިން އޮޕަރޭޓް ކުރަމުން އައި ވައިގެ އުޅަނދުތައް ބަލަހައްޓަން އެގައުމުގެ 26 މަދަނީން މިހާރު ރާއްޖެ އައިސްފައިވާ ކަމަށާއި، އެމީހުން އޮޕަރޭޓް ކުރާނީ އައްޑޫގައި ހުރި ވައިގެ އުޅަނދުތައް ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

އަދި އެމީހުން އެތަކެއްޗަށް އަހުލުވެރިވުމުން އައްޑޫގައި ތިބި އިންޑިއާގެ ސިފައިން، ރާއްޖޭގައި އޮތް އެ ގައުމުގެ ހެލިކޮޕްޓަރާއެކު 10 މެއިގެ ކުރިން ފުރާނެ ކަމަށްވެސް މުޖުތަބާ ވިދާޅުވި އެވެ. އަދި މިވަގުތު އިސްކަންދެނީ މިހާރު ތިބި ސިފައިން މަދަނީންނަށް ބަދަލު ކުރުމަށް ކަމަށް މުޖުތަބާ ވަނީ ވިދާޅުވެފައެވެ.

"ކޮމާންޑް އެންޑް ކޮންޓްރޯލް، އޮޕަރޭޝަނަލް ކޮންޓްރޯލް އޮންނާނީ އެމްއެންޑީއެފްގައި، އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ސިވިލިއަނުންވެސް އޮޕަރޭޓް ކުރަމުންދާނީ." މުޖުތަބާ ވިދާޅުވިއެވެ.

އޭގެއިތުރުން އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓުކުރާ ޑޯނިއާ މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ބެލެހެއްޓުމަށް މިހާރު ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ޤާއިމުވެތިބި އިންޑިއާ ސިފައިންވެސް އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ބޭލުމަށް ދެ ޤައުމުގެ ސަރުކާރުން މިހާރުވަނީ އެއްބަސްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން