ބަންޑާރަނައިބު އަޙްމަދު އުޝާމް
ބަންޑާރަނައިބު އަޙްމަދު އުޝާމް
ވެންޓިލޭޓަރު މައްސަލާގައި އާބިޓްރޭޝަނުން ކަނޑައަޅާފައިވާ ބަދަލު ލިބުން ވަރަށް ނާދިރު ކަމަށާއި އެހެންކަމުން އެ މައްސަލަ ދުބާއީގެ ކޯޓުތަކަށް ހުށައަޅަން ތައްޔާރުވަމުންދާކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބުގެ އޮފީހާއި ޑިފެންސް މިނިސްޓްރީ ގުޅިގެން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީ އުޝާމް ވިދާޅުވީ، ވެންޓިލޭޓަރު މައްސަލަ މިހާރު ގޮސްފައިވާ ހިސާބުން ބަދަލުގެ ގޮތުގައި ދިނުމަށް ނިންމާފައިވާ ފައިސާ ރާއްޖެއަށް ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ.

އުޝާމް މިއަދު ވިދާޅުވީ، އާބިޓްރޭޝަން ސެންޓަރަށް ދެކޮޅުން ދައްކަން ޖެހުނު ފީވެސް ދައްކަން ޖެހުނީ ދިވެހި ސަރުކާރުން ކަމަށާއި، އާބިޓްރޭޝަން މަސައްކަތް ކުރިއަށް ދިޔައިރު ދުބާއީ ކުންފުނިން އެއްވެސް ބަޔާނެއްވެސް ހުށައަޅާފައި ނުވާ ކަމަށާއި، އެއްވެސް އަޑުއެހުމަކަށްވެސް ޙާޟިރުނުވާ ކަމަށެވެ.

އޭގެ ބަދަލުގައި އާބިޓްރޭޝަނަށް ހުށަހަޅައިގެންވެސް ބައިވަރު ހަރަދުތަކެއް ކުރަން ޖެހުނީ ދިވެހި ދަޢުލަތުން ކަމަށް އުޝާމް ވިދާޅުވިއެވެ.

"ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ވަރަށް އަންލައިކްލީ. އެހެން ނަމަވެސް އެ ފައިސާ ހޯދުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން." އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ވެންޓިލޭޓަރ ގަތުމަށް ޙަވާލުކުރި ކުންފުންޏަކީ ދުބާއީގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏަކަށްވާތީ އެންފޯސްމަންޓަށް ދާން ޖެހެނީ ދުބާއީއަށް ކަމަށާއި ދުބާއީގެ ކޯޓުތަކަށް އެ މައްސަލަ ހުށަހެޅުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

ކޮވިޑް-19ގެ ތެރޭގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްނުދިން މައްސަލާގައި އެ ކުންފުނިން 34.62 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް އާބިޓްރޭޝަނުން އަންގާފައި ވަނީ ފެބްރުއަރީ 26 ގައެވެ.

މިމައްސަލަ ދިވެހި ސަރުކާރުގެ ފަރާތުން އާބިޓްރޭޝަނަށް ހުށައަޅާފައިވަނީ 2023 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 16 ވަނަ ދުވަހު އެވެ.

ކޮވިޑް-19ގެ ދުވަސްވަރު ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށްގެން ގެންނަން މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބުނީ 15 ވެންޓިލޭޓަރެވެ. ނަމަވެސް ވެންޓިލޭޓަރުތައް ގަންނަން ހަރަދު ކުރަން ސަރުކާރުން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ކުރީގެ ސަރުކާރުން ވަނީ ދޫކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން