އަންހެނުން ބާރުވެރި ކުރުމަށާއި، ޤައުމުގެ ހުރިހާކަމެއް ބައްޓަން ކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށް އެމްޑީޕީއިން ބުނެފިއެވެ.

އެ ޕާޓީއިން މިފަދައިން ބުނެފައި ވަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ނެރުނު ނޫސްބަޔާނުގައެވެ.

އަންހެނުންގެ ދުވަހުގެ ތަހުނިޔާ ފޮނުވަމުން އެމްޑީޕީއިން ބުނީ، އެޕާޓީގެ ސިޔާސަތުތައް ބައްޓަންކުރުމުން ފެށިގެން ގޮސް އެކަންކަން ތަންފީޒުކުރުމާ ހަމަޔަށް، އަންހެނުންގެ ހިއްސާއޮތްކަމުގައި ވިޔަސް، އަދިވެސް އެކަށީގެންވާ މިންވަރަށް އެހިއްސާނެތްކަން އެ ޕާޓީއިން ގަބޫލުކުރާ ކަމަށެވެ. އަދި ލީޑަރޝިޕް މަގާމުތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އެ ޕާޓީއިން ގަބޫލުކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

"2018 އިން 2023 އަށް އޮތް އެމް.ޑީ.ޕީގެ ކޯލީޝަން ސަރުކާރުން މިކަންކަން ރަނގަޅު ކުރުމަށް އަގުހުރި މަސައްކަތްތަކެއް ކުރެވިފައިވާކަންވެސް ފާހަގަކުރަން." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެގޮތުން ވަޒީރުކަމުން ފެށިގެންގޮސް ސަރުކާރުގެ އެހެނިހެން އިސް މަގާމުތަކަށް ގިނައަދަދެއްގެ އަންހެނުން އައްޔަނު ކޮށްފައި ވާނެކަން އެކަމަށާއި، އެމްބަސީތަކާއި ހައިކޮމިޝަންތަކުގެ އެންމެ އިސްވެރިންނަށް އަންހެނުންނާ ފިރިހެނުން ހަމަހަމައަށް އައްޔަނުކުރެވިފައި ވާނެ ކަމަށް އެ ޕާޓީން ބުނެއެވެ.

މީގެ އިތުރުން އެ ޕާޓީއިން ބުނީ، އަންހެނުންނަށް ހާއްސަ ލޯނުތަކާއި އިގްތިސޯދީ މަސައްކަތްކުރުމަށް އެހީތެރިވެދިނުމަށް ހާއްސަ ޕްރޮގްރާމްތައް ހިންގާފައި ވާނެ ކަމަށެވެ.

އަންހެނުންނަށް ވިހެއުމުގެ ޗުއްޓީގެ ގޮތުގައި ހަ މަސްދުވަސް ކަނޑައަޅާ، ދަރިއަކު ލިބުމާގުޅިގެން ފިރިހެނުންނަށްވެސް އެއް މަސް ދުވަހުގެ ޗުއްޓީ ލިބޭނެގޮތަށް ހަމަޖެއްސީވެސް އެމްޑީޕީގެ ސަރުކާރުންކަން އެ ޕާޓީން ބުންޏެވެ.

ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އެމްޑީޕީ ސަރުކާރުން ކުރި އެންމެ މުހިންމުކަމެއްގެ ގޮތުގައި ކައުންސިލްތަކުން އަންހެނުންނަށް ޚާއްސަ ކުރެވުނު 33 އިންސައްތައިގެ ކޯޓާ ފާހަގަ ކުރަމުން އެ ޕާޓީއިން ބުނީ އޭގެ ސަބަބުން އެތައް އަންހެން ލީޑަރުންނެއް އުފެދިގެން ދިޔަ ކަމަށެވެ.

އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރިކުރުމަށް އެކޮމިޓީތަކަށްދޭ ފައިސާގެ އަދަދުވެސް އިތުރުކުރެވިފައި ވަނީ އެ ޕާޓީގެ ވެރިކަމުގައިކަން އެ ޕާޓީން ފާހަގަ ކޮށްފައި ވެއެވެ.

"ފުރަތަމަފަހަރަށް ސުޕްރީމްކޯޓަށް އަންހެން ފަނޑިޔާރުން އައްޔަނުކުރެވިފައި ވަނީވެސް އެމްޑީޕީގެ ފާއިތުވި 5 އަހަރުގެ ވެރިކަމުގެތެރޭގައިކަމީ މި ޕާޓީއިން ފަޚުރުވެރިކަމާއެކު ފާހަގަކުރާ ކަމެކެވެ." އެ ޕާޓީން ބުންޏެވެ.

މީގެ އިތުރުން އެ ޕާޓީއިން ބުނީ، ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާކަމެއް ކަމަށް ގަބޫލު ކުރާތީ، އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް އައްޑޫމީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް މިވަގުތު ޤާނޫނު އަސާސީގެ 71 ވަނަ މާއްދާއަށް ހުށައަޅުއްވާފައިވާ އިސްލާހުގެ ތެރެއިން، އެ މައްސަލައަށް ރަނގަޅު ހައްލެއް ހޯދާދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އެމްޑީޕީއިން އުންމީދުކުރަނީ މި މަސައްކަތުގައާއި އަދި މޯލްޑިވްސް ޖެންޑަރ އީކުއޭލިޓީ އެކްޝަން ޕްލޭންގައިވާ ކަންތައްތައް ހާސިލް ކުރުމަށް މި ޕާޓީއިން ކުރަމުން މިދާ މަސައްކަތްތަކުގައި، ހުރިހާ ސިޔާސީ ޕާޓީތަކެއްގެ އެއްބާރުލުން ލިބޭނެކަމަށެވެ. އަންހެނުން ބާރުވެރިކުރުމަށް މި ކުރާމަސައްކަތަކީ ގައުމީ އިންވެސްޓްމަންޓަކަށް ވީހިނދު، މިކަން ހާސިލް ކުރެވޭނީ ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއެކުގައި ކަމަށް މި ޕާޓީއިން ގަބޫލުކުރަމެވެ." އެމްޑީޕީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން