ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް
ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް
މާލޭ ސަރަޙައްދުގެ މަގުތަކުގައި ގަވާއިދުން ބޭރުން ޕާކުކޮށް، ގިނަ ދުވަސްވެފައި ހުރި އެއްގަމު އުޅަނދު ނައްތާލުމުގެ ޕްރޮގްރާމްގެ ދަށުން 281 އުޅަނދު ނައްތާލައިފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ބުނީ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ކުރެވުނު މަސައްކަތުން ގިނަ ދުވަސްވަންދެން ބޭނުންނުކޮށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި އުޅަނދުތަކުގެ ތެރެއިން ޖުމްލަ 123 އުޅަނދު ވަނީ ނައްތާލާފައި ކަމަށެވެ.

އެގޮތުން އިއްޔެގެ ނިޔަލަށް 04 ފުރޮޅުލީ 281 އުޅަނދު ވަނީ ނައްތާލާފައެވެ.

މިއީ އެއްގަމުގައި ދުއްވާ އުޅަނދު މާލެ ސަރަހައްދުގައި ގިނަވެ މަގުމަތި ތޮއްޖެހުމުގެ ސަބަބުން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އަވަސް ހައްލެއް ހޯދުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލޭ ސިޓީކައުންސިލާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި، ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ނައްތާލާނީ މާލޭގެ މަގުތަކުގައި ޕާކްކޮށްފައި އޮންނަތާ ގިނަ ދުވަސްވީ އުޅަނދުތަކެވެ. އަމިއްލައަށް އެދިގެން ވެހިކަލެއް ނައްތާލުމަށް އެއްވެސް ފަރާތަކުން އެދޭނަމަ މި ޕްރޮގްރާމުގެ އިތުރު ބައެއްގައި އެކަން ހަމަޖެހިގެންދާނެ ކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މާލެ ސަރަހައްދުގައި ދިމާވެފައިވާ އެއްގަމު އުޅަނދު ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ މީގެކުރިން ދުވާލަކު 200 އުޅަނދު ރަޖިސްޓްރީ ކުރިކުރުން 25 އުޅަނދަށް ތިރިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން