ވެމްކޯ ކުނި އުކާލާ ވެހިކަލެއް
ވެމްކޯ ކުނި އުކާލާ ވެހިކަލެއް
މާލޭގެ ކުނީގެ މައްސަލަ އަވަހަށް ޙައްލުކޮށްދީ ދިރިއުޅެން ތައްކަތު ސިޓީއަކަށް ހަދައިދިނުމަށް ޑިމޮކްރެޓުން ގޮވާލައިފިއެވެ.

ޑިމޮކްރެޓުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާލެ ސިޓީގެ ކުނި މެނޭޖްކުރުން އިންތިހާއަށް ބޮއްސުންލާ، ކަންކަންމަތީގައި ކުނިވާ ޒާތުގެ ޑަސްބިންކޮތަޅުން ފެށިގެން ފަރުނީޗަރުގެ ބައިބަޔާއި، ގައުކުނޑީގެ ފުނިވަރުތަކުން މާލެ ގޮނޑުވެފައިވާ ކަމަށެވެ.

އަދި މާލޭގެ މަގުތަކާއި އާންމު ހުސްޖާގަތަކުގެ ނުތާހިރުކަން އިންތިހާއަށް ބޮޑުވެ، އާންމު ސިއްހަތަށާއި، ދުޅަހެޔޮކަމާއި، މިސިޓީގެ އަހުލުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވަމުންދާ ކަމަށް ޑިމޮކްރެޓުންގެ ބަޔާނުގައިވެއެވެ.

“މިދަރަޖައަށް މާލެ މުޑުދާރުވެފައި ވާއިރުވެސް، ބަރަކާތްތެރި ރޯދަމަހާއި ދިމާކޮށް ސިޓީތެރެ ތާހިރުކޮށް ހަންމަތަ ކުރުމުގެ އެއްވެސް މަސައްކަތެއް ކަމާބެހޭ އެއްވެސް އިދާރާއަކުން ހިންގާފައެއް ނެތެވެ. ގޯތިގެދޮރު ފޮޅާ ސާފުކޮށް، ރޯދައަށްވާ ތައްޔާރީގައި ގޭބީސީތަކުން އުފެދޭ ކުނި އުކާ، މަގުތަކާއި އާންމު ހުސްޖާގަތައް ސާފުކުރަން އެހެން އަހަރުތަކުގައި ހިންގި ބާވަތުގެ އެއްވެސް ހަރަކާތެއް މާލެ ސިޓީ ކައުންސިލުންވެސް ހިންގާފައެއްނެތެވެ.” ޑިމޮކްރެޓްސްގެ ބަޔާނުގައިވެއެވެ.

ޑިމޮކްރެޓުން ބުނީ މާލެއަކީ މަގުތަކާއި ޕާކުތަކާއި އާންމު ހުސްޖާގަތަކަށް ނުކުމެ ނޫޅެވޭވަރު ތަނަކަށް މުޅިން ބަދަލުވަމުން އަންނަ ކަމަށެވެ. ނަމަވެސް ތަނަވަސްކަމާއި ފެހިކަމާއި ތާހިރުކަމުގެ ޝިއާރުގައި މާލޭގެ މޭޔަރު ކަމަށް ނިކުންނަވާ އިންތިހާބުވެ ވަޑައިގެންނެވި މޭޔަރު މާލެ ތާހިރުކުރަން ޕްލޭންކުރައްވާ ގޮތާއި، އަޅުއްވަން ގަސްތުކުރައްވާ ފިޔަވަޅާއި ހިންގަވާ މަސައްކަތެއްގެ ހިލަމެއްވެސް ނެތްކަމަށް ޑިމޮކްރެޓުން ވަނީ ބުނެފައެވެ.

“ދަ ޑިމޮކްރެޓްސް އިން މާލޭގެ މޭޔަރު އާދަމް އާޒިމަށާއި، ސިޓީ ކައުންސިލްގެ މައްޗަށް ކަންބޮޑުވުމާއިއެކު ގޮވާލަނީ، މާލެ ކުނިގޮނޑަކަށް ބަދަލުވަމުންދާއިރު، އަތްއުރާލައިގެން ނުތިބެ، އާންމު ސިއްހަތާއި ސަލާމަތަށް އެކަށޭނަ ގޮތެއްގައި މިސިޓީ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށެވެ.” ޑިމޮކްރެޓުން ބުނެފައިވެއެވެ.

އޭގެއިތުރުން ދެމެހެއްޓެނިވި އިންތިޒާމެއްގެ ދަށުން މާލޭގެ ސާފުތާހިރުކަން ކަށަވަރު ކުރުމަށާއި މާލޭ މޭޔަރުގެ ބައި އިލެކްޝަނަށް ޑިމޮކްރެޓުން ޢާންމުކުރި މެނިފެސްޓޯގައިވާ ހަމައިން މާލެއަކީ ދިރިއުޅޭން ތައްކަތު ސިޓީއަކަށް ބަދަލުކުރަން އަވަސް ފިޔަވަޅު އެޅުމަށް ޑިމޮކްރެޓުންވަނީ މާލޭ ސިޓީ ކައުންސިލަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން