ރާއްޖޭގައި ތިބި އިންޑިއާ ސިފައިން
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން
އިންޑިއާއިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އައްޑޫގައި އޮންނަ ހެލިކޮޕްޓަރ ބެލެހެއްޓުމަށް ހަރަކާތްތެރިވި އިންޑިއާގެ ސިފައިން ފުރައިފި އެވެ.

ރާއްޖޭގައި ދުއްވާ އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓު ދުއްވަން ގާއިމުވެ ތިބޭ 89 ސިފައިން ރާއްޖެއިން ފޮނުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާތީ އިންޑިއާއިން ވަނީ އެކަމަށް އެއްބަސްވެފަ އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އައްޑޫގައި އޮންނަ އިންޑިއާގެ ވައިގެ އުޅަނދު އޮޕަރޭޓް ކުރުމަށް އެގައުމުން ފެބްރުއަރީ 26 ގައި ރާއްޖެއަށް އައި 26 މަދަނީންނަށް އެ މަސައްކަތް ޙަވާލު ކުރުމަށްފަހު އައްޑޫގައި ތިބި ސިފައިން އިންޑިއާއަށް ގޮސްފައިވާ ކަމަށެވެ.

ބަންޑާރަނައިބުގެ އޮފީހާއި ޑިފެންސް މިނިސްޓްރީ ގުޅިގެން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ ކާނަލް އަހްމަދު މުޖުތަބާ ވިދާޅުވެފައިވަނީ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އިންޑިއާ ސިފައިން އޮޕަރޭޓް ކުރަމުން އައި ވައިގެ އުޅަނދުތައް ބަލަހައްޓަން އެގައުމުގެ 26 މަދަނީން ރާއްޖެ އައިސްފައިވާ ކަމަށާއި، އެމީހުން އޮޕަރޭޓް ކުރާނީ އައްޑޫގައި ހުރި ވައިގެ އުޅަނދުތައް ކަމަށް މުޖުތަބާ އެދުވަހު ވިދާޅުވިއެވެ.

އަދި އެމީހުން އެތަކެއްޗަށް އަހުލުވެރިވުމުން އައްޑޫގައި ތިބި އިންޑިއާގެ ސިފައިން، ރާއްޖޭގައި އޮތް އެ ގައުމުގެ ހެލިކޮޕްޓަރާއެކު 10 މާރޗް ކުރިން ފުރާނެ ކަމަށްވެސް މުޖުތަބާ ވިދާޅުވި އެވެ. އަދި މިވަގުތު އިސްކަންދެނީ މިހާރު ތިބި ސިފައިން މަދަނީންނަށް ބަދަލު ކުރުމަށް ކަމަށް މުޖުތަބާ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.

"ކޮމާންޑް އެންޑް ކޮންޓްރޯލް، އޮޕަރޭޝަނަލް ކޮންޓްރޯލް އޮންނާނީ އެމްއެންޑީއެފްގައި، އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ސިވިލިއަނުންވެސް އޮޕަރޭޓް ކުރަމުންދާނީ." މުޖުތަބާ ވިދާޅުވިއެވެ.

އޭގެއިތުރުން އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓުކުރާ ޑޯނިއާ މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ބެލެހެއްޓުމަށް މިހާރު ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ޤާއިމުވެތިބި އިންޑިއާ ސިފައިންވެސް އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ފައިބާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން