އެމްޑީޕީގެ ޕީޖީ ލީޑަރ، މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް
އެމްޑީޕީގެ ޕީޖީ ލީޑަރ، މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް
ކޯވިޑް-19 ގެ ސަބަބުން ރާއްޖެ ވެއްޓިފައިވާ ފުން ވަޅުގަނޑުން އަރައިގަނެވޭނެ ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ސަރުކާރުން ދޭ އިންކަމް ސަޕޯޓް އެލަވެންސާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އާޒިމް ވިދާޅުވީ، ކޯވިޑްގެ ސަބަބުން ވަޒީފާ ގެއްލި ބިކަވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިއްމުކަމެއް ކަމަށެވެ.

ދަޢުލަތުގެ މާލީ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން މިހާތަނަށް ޢާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ 8،488 މީހަކަށް ޖުމްލަ 35.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އާޒިމް ވަނީ މިފަދަ އެހީތެރިކަމެއް ރައްޔިތުންނަށް ފޯރުކޮށްދެއްވާކަމަށްޓަކައި ރައީސް ޞާލިޙަށް ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ، "ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން މި ފުން ވަޅުގަނޑުން އަރައިގަންނާނަން." ކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން ޢާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ މީހުންކަމަށް ބަލާނެ މިންގަނޑަކީ، ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި، މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީވްއަށް ފޮނުވައިފައިވާ މީހުންނާއި، މުސާރައިގެ ގޮތުގައި ލިބޭ ޢަދަދުން ބައެއް އުނިކޮށްފައިވާ މީހުންނަށެވެ. އެގޮތުން ކޮންމެ މީހަކަށް 5000 ރުފިޔާގެ ޢިނާޔަތެއް ދިނުމަށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން ޢާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި ދޭންޖެހޭނީ، ފަސްހާސް ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއްކަމަށްވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ. އަދި 1 މާރޗު 2020 އާ ހަމައަށް ވަޒީފާއެއްގައި ހުރި މީހަކަށްވާން ޖެހޭކަމަށްވެސް އުސޫލުގައިވެއެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޭން ފަށާފައި ވަނީ މިއަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން