މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް
މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް
މަޖިލީހުގެ މެންބަރުންގެ ޢަދަދު ގުނާގޮތަށް މަޖިލީހުގެ ޤަވާއިދަށް ގެނައި ބަދަލުތައް ބާތިލުކުރުމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު ރިޔާސަތުން އަސްލަމް ހުށައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއް ބާއްވަން ހަ މަހަށް ވެފައި ވަނިކޮށް މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެނަމަ މެންބަރުންގެ ޖުމުލަ އަދަދު ގުނާނީ ހުސްވި ގޮނޑިތައް ނުހިމަނާ ކަމަށް ބުނާ މާއްދާ ބާތިލް ކުރުމަށެވެ.

އަސްލަމް މިއަދު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދު ގުނާ ގޮތް ބަދަލުކުރުމަށް މަޖިލީހުގެ ޤަވާއިދަށް ފުރަތަމަ އިތުރުކުރި މާއްދާތައް އިތުރުކުރުމަކީ މަޖިލީހުގެ ޤަވާއިދު ހެދުމަށް ޤާނޫނު އަސާސީން މަޖިލީހަށް ލިބިދީފައިވާ ބާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

އަދި މަޖިލީހުގެ ޤަވާއިދަށް ފަހުން އިތުރުކުރި މާއްދާގެ މައިގަނޑު މަފުހޫމަކީ ސުޕްރީމް ކޯޓުން ބާތިލުކުރި މާއްދާތަކުން ނެރުނު ނަތީޖާ ހިމެނޭ މާއްދާއެއްކަމުން އެ މާއްދާއަށް އަމަލުކުރެވެން ނެތްކަމަށެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން އެ މާއްދާ އުވާލާފައިނުވާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ އެ މާއްދާ އުވައިލެވޭނީ މަޖިލީހުންކަމަށްވާތީ މަޖިލީހުން އިތުރުކުރި މާއްދާ ބާތިލު ކުރުމަށް ހުށައެޅުއްވީ ކަމަށެވެ.

މަޖިލީހުގެ ޤަވާއިދުގެ 49 ވަނަ މާއްދާގެ ކ.އާއި، އ.އާއި، ވ. އަށް މަޖިލީހުން ފުރަތަމަ ގެނައި އިސްލާޙަކީ ޤާނޫނު އަސާސީއާ ޚިލާފު އިސްލާޙެއްކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މަޖިލީހުން ވަނީ ޤަވާއިދުން އެމާއްދާތައް އުނިކުރުމަށްފަހު، އެ މާއްދާތަކުގައި ހިމެނޭ ވާހަކަތަކަށް ބައެއް ބަދަލުތައް ގެނައުމަށްފަހު ގަވާއިދުގެ 242 ވަނަ މާއްދާ މަޖިލީހުގެ ޤަވާއިދަށް އިތުރުކޮށްފައެވެ.

އަދި މަޖިލީހުން ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މެންބަރުން ގުނައި، ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން