ފެނަކައިގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް މުސާރައާއި އިނާޔަތްތައް ހަމަޖައްސައިނުދޭ މައްސަލައިގައި ފެނަކައިގެ ވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރަން މަސައްކަތް ކުރާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ސްޕޯކްސްޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ، ފެނަކައިގެ ވެރިން އެސްއޯއީ ކޮމިޓީއަށް ހާޒިރުވާން މިހާރުވެސް އަންގާފައި ވާނެ ކަމަށެވެ.

އީސަ ވިދާޅުވީ، ވީ އެންމެ އަވަހަކަށް، މަޖިލިސް ޖަލްސާއެއް އޮންނަ ދުވަހަކު ފެނަކައިގެ ވެރިންނާ ބައްދަލު ކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އިދާރީ މުވައްޒަފުންނަށް ދަންނަވާފައި ވާނެ ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ފަހުން ދެންނެވި ދުވަހު އެ ބޭފުޅުން (ފެނަކައިގެ ވެރިން) އެހެން ކަމެއް އޮވެގެން، ވަޑައިނުގެންނެވޭނެ ކަމަށް ކޮމިޓީއަށް އަންގާފަ އޮތީ" އީސަ ވިދާޅުވިއެވެ.

މީގެ އިތުރުން އީސަ ވިދާޅުވީ، މުވައްޒަފުން ވަޒީފާއިން ވަކިކުރާ ސަބަބުތައް ދިވެހި ރައްޔިތުންނަށް ސާފުކޮށްދޭން މަސައްކަތް ކުރާނެ ކަމަށެވެ.

އީސަ މިހެން ވިދާޅުވެފައިވާއިރު މިދިޔަ ޖެނުއަރީ މަހުގެ މުސާރައިގެ ބަޔަކާއި އަދި މިދިޔަ މަހުގެ މުސާރައިގެ އިތުރުން ރޯދަ އިނާޔަތްވެސް ނުލިބޭ ކަަމަށް ބުނެ ކުޅުދުއްފުށީ ފެނަކައިގެ މުވައްޒަފުން ވަނީ އިއްޔެ އިހުތިޖާޖު ކޮށްފައެވެ.

އެމައްސަލާގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ކައުންސިލް މެމްބަރު "ރަސް އޮންލައިނަށް" ވިދާޅުވީ މުސާރައިގެ މައްސަލަ ހައްލުކުރަން ކައުންސިލުންނާއި ޑެޕިއުޓީ މިނިސްޓަރުންވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ.

އަދި ކުރެވުނު މަސައްކަތުން އިއްޔެ މެންދުރު މުސާރައާއި އިނާޔަތްތައް ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއާއެކު މުވައްޒަފުން ކުރަމުން އައި އިހުތިޖާޖު ވެސް މިހާރު ހުއްޓާލައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން