މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން 8000 މީހުނަށް ރަޖިސްޓްރީ އާއި ލިޔުން ޙަވާލުކޮށްފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން މިއަދު ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ސަރަޙައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ތެރެއިން 8394 ގޯތީގެ ރަޖިސްޓްރީ އާއި ގޯތި ލިބިފައިވާ ކަމުގެ ލިޔުން މިއަދު ޙަވާލުކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އަދިވެސް ގިނަ ފަރާތްތަކަކުން ލިޔުމާއި ރަޖިސްޓްރީއާއި ޙަވާލުނުވެ ހުރި ކަމަށެވެ. އެހެންކަމުން ލިޔުމާއި ރަޖިސްޓްރީއާ ޙަވާލުވުމަށް އެފަރާތްތަކަށް އިތުރު ފުރުސަތެއް މިމަހުގެ 16 އިން 27 އަށް ހުޅުވާލާނެ ކަމަށާއި ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެކަމަށްއެދި އެޕޮއިންޓްމަންޓް ހެއްދުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ކުރީ ސަރުކާރުން ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަން ކަމުން އެ ތަންތަން ހިއްކުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ކުރަމުންނެވެ.

އަދި ރައީސް ޑރ. މުއިއްޒު ވަނީ ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ދާއިމީ ލިސްޓުގައި ހިމެނި، ގެޒެޓުކޮށްފައިވާ އެންމެނަށްވެސް ރަޖިސްޓްރީ ލިބޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

މި ސަރުކާރުން ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ ރަސްމާލެ މަޝްރޫއުގެ މަސައްކަތް ފަށާފައިވާއިރު، ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގައި ހިމެނޭ ތަނަކުން ގޯއްޗެއް އަތުނުލައްވާނެ ކަމަށާއި އެމީސްމީހުން ރަސްމާލެއަށް ބަދަލު ނުކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ހުޅުމާލެއިން 1،351 ގޯތި، ގުޅީފަޅުން 2،218 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން ގިރާވަރު ފަޅުން 5،432 ގޯތި ދޭނެކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.

އޭރު ހައުސިންގ މިނިސްޓްރީން ބުނީ ޝަރުތު ހަމަވެގެން ގޯތި ލިބޭ 19،631 މީހުން ތިބި ނަމަވެސް އޭގެތެރެއިން އޭރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށް ކަމަށެވެ. އަދި އެ ސަރުކާރުގެ ދައުރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ބިމާއި ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

މީގެއިތުރުން ބިންވެރިޔާ ސްކީމުގެ ދެވަނަ ބުރު އިޢުލާންކޮށް ފޯމު ހުށައެޅި ފަރާތްތަކުގެ ލިސްޓުވެސް އެންމެ ފަހުވަގުތުކޮޅުގެ ތެރޭގައި ވަނީ ގެޒެޓްކޮށް އާންމު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން