އަހުޒަމް އަޙްމަދު   17 މާރިޗު 2024 - 8:21
އިއްޔެ ވެސް ގިނަ އަދަދެއްގެ ކުނި މާލެއިން ނަގައިފި އެވެ.

ރޯދަ މަހާ ދިމާކޮށް މާލޭގެ މަގުތަކަށް ކުނި އަޅާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން އިއްޔެވެސް ހުޅުމާލެ، ވިލިމާލެ ނުލައި ހަމައެކަނި މާލެއިން 19 ޓަނުގެ ކުނި ނެގި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އިއްޔެވެސް 1.5 ޓަނުގެ 10 ޕިކަޕާއި، 350 ކިލޯގެ 11 ޕިކަޕުގެ ކުނި މާލޭގެ އެކި ސަރަހައްދުތަކުން ނެގި ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކުނި އެޅުން ހުއްޓުވަން ސިޓީ ކައުންސިލްގެ ވެށިފާރަވެރިން ވެސް މަގުތަކަަށް ނެރެމުންދާ ކަމަށެވެ. ހަމަ އެހެންމެ ކުނި އަޅާ މީހުން ހޯދަން ސީސީޓީވީ ފޫޓޭޖްތައް ބަލައި ފުލުހުން މެދުވެރިކޮށް އެ މީހުން ހޯދަމުން ދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ގޭތެރޭގައި ގެންގުޅޭ ސޯފާއާއި، ފާހަނާތައްޓާއި ބޮޑެތި ހިފާ ގެންގުޅޭ ތަކެތީގެ އިތުރުން ކޮންސްޓްރަކްޝަން ކުނިތައްވެސް ވަރަށް ގިނައިން މަގުމަތިން ނަގަމުންދާ ކަމަށެވެ.

ސިޓީ ކައުންސިލުން މިހާރުވަނީ ކުނި އުކާ މީހުން ހޯދުމަށް ފަހު އެމީހުން ލައްވާ ކުނިތައް އުކާލުމުގެ މަސައްކަތް ފަށައިފަ އެވެ. މާލޭގެ މަގުތަކުން މި ފަހުން ނެގި ކުނީގެ އަދަދު މިހާރު ވަނީ 300 ޓަނަށް ވުރެ މައްޗަށް އަރައިފައެވެ.

އެހެންކަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މާލޭ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން