މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު
މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ފެބުރުއަރީ މަހުގެ 29 ވަނަ ދުވަހު މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި، ކޯޕަރޭޓް ގަވަނަންސް ކޯޑާއި ޕީސީބީން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް މިފްކޯއިން 12 ކަމެއް ކޮށްފައި ވާކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް އޭނާއަށް އިންޒާރު ދިނުމަށްފަހު މިއަދު ކުއްލިގޮތަކަށް އޭނާ ސަސްޕެންޑް ކުރުމުން ޕީސީބީއަށް ބޮޑެތި ތުހުމަތު ތަކެއް ކުރަން ފަށައިފިއެވެ.

14 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކުރިކަން އަންގައި ޕީސީބީން ޝަމާހަށް ފޮނުވި ސިޓީގައިވާގޮތުން އޭނާގެ މައްޗަށް އެ ބޯޑުން އަންނަނީ، ކުރިން ހުށަހެޅި 12 މައްސަލައާ ގުޅޭ އެންކުއަރީއެއް ހިންގުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޝަމާހު އެ މުއްދަތަށް ސަސްޕެންޑް ކުރީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި، ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައިވާ ހާލަތަށް ރިއާޔަތްކުރުމަށް ފަހުގައިކަން އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. އެކަމަކު ޝަމާހުގެ މައްޗަށް ޕީސީބީން ފާހަގަކޮށްފައިވާ އެއްވެސް ކަމަކާ ގުޅޭގޮތުން ޕީސީބީން އޭނާ އާ އެއްވެސް ސުވާލެއް ކޮށްފައެއް ނުވެއެވެ. އަދި ވަކި ކަންތައްތަކެއް ފާހަގަކޮށް، އެކަންކަން ނުކުރުމަށް އެންގުމަށްފަހު، އަނެއްކާވެސް ކުއްލިގޮތަކަށް އެ މައްސަލަ އަލުން ނެގުމަށްފަހު، އެ ކަންކަމާ ގުޅޭ އެންކުއަރީއެއް ހަދަން ޖެހުނު ސަބަބެއްވެސް ޕީސީބީން ސާފުކޮށްދީފައެއް ނުވެއެވެ.

އެނގިފައިވާގޮތުގައި މިފްކޯ ވަގުތީގޮތުން ހިންގުމާ ހަވާލުވުމަށް ޕީސީބީން އަންގާފައިވަނީ އެކުންފުނީގެ ޗީފް ފައިނޭންޝަލް އެގްޒެކެޓިވް (ސީއެފްއޯ) އިލްޔާސް ހަނީފަށެވެ.

ޝަމާހު ސަސްޕެންޑް ކުރިކަން ލިޔުމުން އެންގިތާ ގިނައިރުތަކެއް ނުވަނީސް ޕީސީބީގެ މެންބަރުން ވަނީ މިފްކޯގެ ސީއީއޯ ބިއުރޯއަށް ކުއްލިގޮތަކަށް ވަދެގަނެ ބިއުރޯގެ މީޓިން ރޫމް ހިސާރުކޮށްފައި ކަމަށް އެތަނުގެ ބައެއް މުވައްޒިފުން ބުނެފައި ވެއެވެ. އެއަށްފަހު ސީއެފްއޯ އާއި ޝަމާހުއާ ދެކޮޅަށް "ބަޣާވާތެއް" ކުރަމުން އަންނަ ކަމަށް މީޑިއާތަކުގައި ކުރިން ރިޕޯޓު ކުރި، އެކުންފުނީގެ އިސް މުވައްޒަފެއް އެތަނަށް ވަންކަން ވަނީ އެނގިފައެވެ. އެމީހުން ކުއްލިގޮތަކަށް ބިއުރޯއަށް ވަދެގަތީ ކުރިން އެންގުމަކާ ނުލައި ވަރަށް "އަނިޔާވެރިގޮތަކަށް" ކަމަށް އެ ވަގުތު އެ މަންޒަރު ދުށް މިފްކޯގެ މުވައްޒަފަކު ވަނީ ބުނެފައެވެ.

"ސީއީއޯއަށް އެންމެ ކުޑަމިނުން ޖަވާބުދާރީވާން ވެސް ފުރުސަތެއް ނުދޭ. ހީވީ ބަޔަކު އަރަގަތްހެން. އެމުވަޒަފު ބޭނުންވާ ވައްކަން ނުކުރެވުމުން ޕީސީބީގަ އުޅޭނެ މިތާ މުވައްޒަފެއްގެ އަންބަކު. އޭނަ ލައްވައި އެމުވަޒަފު ކުރުވިކަމެއް މިއީ." އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ޕީސީބީގެ އިސްވެރިޔަކު ވިދާޅުވީ އެއީ ބޯޑުގެ ނިންމުމެއް ކަމުގައެވެ. އިޖުރާއަތްތައް ފުރިހަމަ ނުކުރާކަމުގެ ތުހުމަތު ޕީސީބީއަށް އަމާޒުވެފައި އޮތްކަމަށް ކުންފުނީގެ ގިނަ ބަޔަކު ގަބޫލުކުރާ މި މައްސަލަައިގައި އެންމެ ބޮޑު ތުހުމަތެއް މުވައްޒަފުން ކުރަނީވެސް މިދެންނެވި މުވަޒަފަށެވެ.

ޕީސީބީން މިއަދު އެމުވަޒަފާއެކު ބޭއްވި ބައްދަލުވުން ވަކިގޮތަކަށް ނުނިމި، އެ މައްސަލައިގެ އިތުރު ބައްދަލުވުމެއް މާދަމާ ވެސް އެ ކުންފުނީގެ ސީއީއޯ ބިއުރޯތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކަންހިނގައިދިޔަގޮތް ސާފުކޮށްދެމުން މިފްކޯ ސީނިއަރ މުވަޒަފަކު ކިޔައިދިންގޮތުގައި މިމައްސަލައިގެ އަޑީގައި ހުރިކަމަށް ތުހުމަތު ކުރެވޭ މުވަޒަފަކީ ކުރީގެ ވެރިކަމުގައި ނުފޫޒުގެ ބޭނުންކޮށްގެން އެކުންފުނީގެ ޖެނެރަލް މެނޭޖަރު ކަމުގެ މަގާމަށް އައި މީހެއް ކަމަށް ވިޔަސް، އޭނާއަކީ ނާގާބިލު މީހެއް ކަމަށެވެ. އޭނާގެ ފަރާތުން އަހުލާގީ މައްސަލަތަކެއް ފާހަގަވުމާއި، ކުންފުނީގެ ގާބިލް މުވައްޒަފުން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރުން ފަދަ ކަންކަމާ ގުޅިގެން ޝަމާހު ވަނީ މީގެ ކުރިން އެ މުވަޒަފުގެ ޑިޕާޓުމެންޓް ބަދަލުކޮށްފައިކަން އެމުވަޒަފު ފާހަގަކުރިއެވެ. އަދި ކުންފުނީގެ ތެރޭގައި ބަޣާވަތްކުރަނީ އެ ސަބަބާހުރެ ކަމަށްވެސް އޭނާ ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން