ތިލަމާލެ ބްރިޖް މަސައްކަތް
ތިލަމާލެ ބްރިޖް މަސައްކަތް
ތިލަމާލެ ބްރިޖް މަޝްރޫޢުގެ 35.53 އިންސައްތަ މަސައްކަތް ނިިމިއްޖެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ޑރ. މުއްޠަލިބު ވިދާޅުވީ ބްރިޖް މަޝްރޫޢުގެ ޕައިލިން މަސައްކަތުގެ 58 އިންސައްތަ އަދި މުޅި މަޝްރޫޢުގެ 35.5 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ މަސައްކަތް މިހާރު ހުރީ ތާވަލާއި އަޅާ ބަލާއިރު 1.11 އިންސައްތަ ކުރީގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިއަދު ވިދާޅުވީ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ތިލަމާލެ ބްރިޖާ ގުޅޭގޮތުން މިނިސްޓްރީން މިއަދު ޢާއްމުކުރި މަޢުލޫމާތަށް ބަލާއިރު ބްރިޖްގެ ޕައިލް ކެޕިންގެ 43 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ޕިއާ ކޮލަމްގެ 40 އިންސައްތަ މަސައްކަތް ނިމިފައިވާއިރު ސުޕަ ސްޓްރަކްޗާގެ ޕްރީ ކާސްޓިން މަސައްކަތުގެ 24 އިންސައްތަ ވަނީ ނިމިފައެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ ބްރިޖުގެ މަސައްކަތް ސެޕްޓެމްބަރު 2026ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ފަށާފައިވަނީ ނިމިދިޔަ ސަރުކާރުންނެވެ. ނަމަވެސް ކުރީ ސަރުކާރުން ވައުދުވި ގޮތަށް ބްރިޖުގެ މަސައްކަތް ކުރެވިފައެއް ނުވެއެވެ. ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ.

މި ސަރުކާރުން ތިލަމާލެ ބްރިޖް މަޝްރޫޢާއި ހަވާލުވީ ފަހުން ވަނީ މި މަޝްރޫޢުގެ މަސައްކަތް 2026 ވަނަ އަހަރުގެ ފަހުކޮޅާއި ހަމައަށް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައެވެ.

އެގޮތުން މިހާރު ކަނޑައަޅާފައިވާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ، އަންނަ އަހަރު ފެބްރުއަރީގެ ނިޔަލަށް މާލެއާއި ވިލިމާލެ ގުޅާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މީގެކުރިން މަޢުލޫމާތު ދީފައި ވެއެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން