ގުޅީފަޅުން ހިއްކުމަށް ހަމަޖެހިފައިވާ 150 ހެކްޓަރުގެ ތެރެއިން 127.9 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ޑރ. މުއްޠަލިބު ވިދާޅުވީ ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ބޮސްކާލިސްއާ މިހާރު ހަވާލުކޮށްފައިވާ 150 ހެކްޓަރުގެ ބިން ކުރިއަށް އޮތް މަހެއް ތެރޭ ބިން ހިއްކާ ނިމޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ގުޅީފަޅުން 127.9 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒު އިއުލާނު ކުރެއްވި 85 ހެކްޓަރުގެ ބިން ހިއްކުން ފަށާނީ ފަހުން ކަމަށް ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

“ރައީސް ފަހުން އިއުލާނު ކުރެއްވީ 85 ހެކްޓަރުގެ ބިން ހިއްކުމަށް. އެއީ މިހާރު ކުރިއަށްދާ ކޮންޓްރެކްޓުގެތެރޭ ހިމެނޭ މަސައްކަތެއް ނޫން.” ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގުޅިފަޅުން ހިއްކާ ސަރަހައްދުގައި ބޮޑުހިލަ ޖެހުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށާއި ހަ މަސް ތެރޭ އެ މަސައްކަތް ވެސް ނިމޭނެ ކަމަށެވެ.

ގުޅީފަޅު ސަރަޙައްދަކީ މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ނިންމާފައިވާ އެއް ސަރަޙައްދެވެ. ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫޢު ޙަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއެވެ. މިމަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ، 120 މިލިއަން ޑޮލަރު ނުވަތަ 2 ބިލިއަން ރުފިޔާއަށެވެ.

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅު ހިއްކައިގެންނެވެ. ގުޅީފަޅުން ބިން ހިއްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި 2 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން