ރާއްޖޭގައި ފަތުރުވެރިކަން ފުޅާކުރުމަށް ފަޅުތަކާއި ފަރުތައް ހަލާކުކޮށް ބިން ހިއްކައިގެން އެކަން ކުރުމުގެ ބަދަލުގައި ފަޅުރަށްތައް އެ ބޭނުމަށް ބޭނުންކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބިން ހިއްކުމުގެ މަޝްރޫއުތަކާ ގުޅުންހުރި އެކި މަސައްކަތްތަކާއި، ފަޅުތަކާއި ފަރުތައް ހިއްކައިގެން ތަރައްގީކުރާ ރިސޯޓުތަކާ ގުޅޭގޮތުން ދެވަނަ ވިސްނުމަކުން ވިސްނަންޖެހޭ ކަމަށެވެ. އަދި އެ ފަދައިން ފަޅެއް ހިއްކައިގެން ރަށެއް ތަރައްގީކުރުމުގެ ބަދަލުގައި، ރާއްޖޭގައި މިހާރު ވެސް ބޭނުންކުރެވޭހެން ގިނަ، ހުސް ފަޅު ރަށްތައް އެބަހުރިކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ފަޅާއި ފަރުތައް ނައްތާލުމުގެ ބަދަލުގައި އެ ތަންތަން ކުރަންވީ ހިމާޔަތް ކަމަށާއި އެހެންކަމުން، ފަތުރުވެރިކަން ފުޅާކުރުމަށް ރާއްޖޭގައިހުރި ފަޅުރަށްތައް ބޭނުންކުރުމަށް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ.

ރައީސް ނަޝީދު މިހެން ގޮވާލައްވާފައިމިވަނީ، މި ދުވަސްވަރު ހޫނުގަދަވެ ފަރުތަކުގައި ހުންނަ މުރަކަތައް ހުދުވުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވަމުންދާކަން ތިމާވެއްޓަށް މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރަމުން ދާ ދުވަސްވަރެއްގައެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުންނަވާ ރައީސް ނަޝީދު މިކަމަށް ގޮވާލެއްވިއިރު، އެމަނިކުފާނު ފާހަގަ ކުރެވިފައިވަނީ ފަރުތަކާއި ފަޅުތައް ހިއްކުމާ ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން