ވައިކަރަދޫގެ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް 250 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް އެރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ވައިކަރަދޫއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން ބޮޑު ޖަނަރޭޓަރ ހަލާކުވެ އެ ރަށުގެ ކަރަންޓްގެ ހިދުމަތަށް ބުރޫއަރާފައި އޮންނަތާ މިހާރު ވަނީ ފަސް ދުވަސް ފާއިތުވެފައެވެ.

އެގޮތުން އެރަށަށް މިހާރު ކަރަންޓް ދެމުން އަންނަ ޖަނަރޭޓަރުން މުޅިރަށަށް ބޭނުންވާވަރަށް ކަރަންޓް އުފައްދައިނުދޭތީ ޚިދުމަތް ދެމުން ގެންދަނީ ރަށް ހަބަޔަކަށް ބަހާލައިގެން ކޮންމެ ބަޔަކަށް ގަޑިއިރަކަށެވެ. އެކަމުގެ ސަބަބުން ރަށުގެ ޢާއްމު ރައްޔިތުންގެ ދިރިއުޅުމަށް ބޮޑޫ ތަކްލީފެއް ވަނީ ކުރިމަތިވެފައެވެ.

ވައިކަރަދޫގެ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަނުން ބުނީ އެރަށަށް 250 ކިލޯވަޓްގެ އައު ޖަނަރޭޓަރެއް ފޮނުވައި ކުރިޔަށްއޮތް ދެތިން ދުވަހުގެ ތެރޭގައި އައުޖެނަރޭޓަރ އިންސްޓޯލްކޮށް ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

ވައިކަރަދޫ ކަރަންޓުގެ މައްސަލަ ޙައްލުވެފައި ނުވާތީ އެރަށުގެ ރައްޔިތުން އެކަމާ ހިތްހަމަނުޖެހި އިޙްތިޖާޖް ކުރަމުންދާ ވީޑިއޯތަކެއް މީސް މީޑިއާގައި މިހާރުވަނީ ދައުރުވާން ފަށާފައެވެ. އެގޮތުން ޒުވާނަކު ވަނީ ތުވާއްޔެއް އަނދެގެން، މޫނާއި މުޅި ހަށިގަނޑުގައި ސައިބޯނި އުނގުޅައިގެންހުރެ އިޙްތިޖާޖުގައި ބައިވެރިވެފައެވެ.

ފެނަކަ ކޯޕަރޭޝަނުން ވަނީ މިދަނޑިވަޅުގައި، ވައިކަރަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް މާފަށް އެދޭކަމަށް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން